ޤައުމެއްގެ ކުރިއެރުން ބިނާވެފައި އޮންނަނީ އެޤައުމެއްގައި އުފެއްދޭ މަސައްކަތްތެރި ޖީލަށްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިން ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
މިހަފްލާ ޝަރަފްވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ މެދުކެނޑުމެއް ނެތި 13 އަހަރު، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިޔަށް ގެންދަވާފައި ވާތީ އެކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފަ އެެވެ، މީގެ އިތުރުން ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމުގައި މަސައްކަތްކުރާ އެހެން ކުންފުނިތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ޝުކުރު އަދާކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، ފާއިތުވެ ދިޔަތަނުގައި ކުރިމަތިވެގެން ދިޔަ ކަންކަމުން އެނގިގެން ދިޔައީ ވިލުންވެރި މަސައްކަތްތެރި މުޖުތަމަޢެއް ބިނާކުރުމަށްވުރެ މުހިއްމު އެއްވެސް ކަމެއް ނެތްކަން ކަމަށެވެ. މި މޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި، މިސަރުކާރުން ތަޢުލީމަށާއި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. މިގޮތުން ހިލޭ ޑިގްރީ ޕްރޮގްރާމާއި ވޮކޭޝަނަލް ޓްރޭނިންގ ޕްރޮގްރާމްތައް އެތައްހާސް ދަރިވަރުންނެއް ފުރިހަމަކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، ކަމެއް ނެތިފައި ނުތިބެ، ފުރުޞަތުތަކުގެ ބޭނުން ހިފައިގެން މަސައްކަތްތައް ދަންނަ މަސައްކަތްތެރި ބަޔަކަށް ވުމަށް މަސައްކަތް ކުރުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސެޓްފިކެޓެއް ހާސިލްވުމަކުން އަދި ނުނިމޭކަމަށާއި މަސައްކަތްތެރިކަން ދަންނަ މީހަކަށް ވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ދިރާގު " އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022" ފުރިހަމަކޮށް 15 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.
2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުން އަންނައިރު، މިހާތަނަށް ޖުމްލަ 247 އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން