ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގައި މިހާތަނަށް ހަދާފައިވާ ޖާގައިގެ ގޮތުން އެންމެ ތަނަވަސް ޓީޓީ ހޯލް “މާލެ ޓީޓީ ހޯލް” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ހަވީރު ހުޅުވައިދެއްވައިފި އެވެ.

ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ރާއްޖޭގައި ކުޅިވަރު ތަރައްޤީކޮށް ވަޞީލަތްތައް އިތުރުކޮށް ރާއްޖޭގެ ކުޅުންތެރިންނަށް ކުޅިވަރުގެ ދާއިރާއިން ރާއްޖެއާ ރާއްޖެއިން ބޭރުން ފުރުޞަތުތައް އިތުރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން ނެވެ. އެގޮތުން މިހާތަނަށް ބައިނަލްއަޤްވާމީ ތަފާތު އެތައް ކުޅިވަރު މުބާރާތެއް ރާއްޖޭގައި ބާއްވާފައި ވެއެވެ.

މާލެ ޓީޓީ ހޯލު ރަސްމީގޮތުން ހުޅުވައިދެއްވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހުގައި ނައިބު ރައީސް ފައިޞަލް ނަސީމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިއްޔެ ހުޅުވި ޖާގައިގެ ގޮތުން ތަނަވަސް މި ޓީޓީ ހޯލްގައި 12 ޓީޓީމޭޒު ހިމެނެއެވެ. މި ސަރުކާރުން 2021 ވަނަ އަހަރު ގައި ވެސް ވަނީ ޓީޓީ ހޯލްއެއް ހުޅުމާލޭގައި ހުޅުވާފަ އެވެ. އަދި މިއަހަރު ފުވައްމުލަކު ސިޓީގައިވެސް ޓީޓީ ހޯލް އެއްވަނީ ހުޅުވާފަ އެވެ.