ސަރުކާރުގެ ހަރުދަނާ އިޤުތިޞާދީ ފިޔަވަޅުތަކާ އެކު ރާއްޖޭގެ އިޤުތިޞާދު ކުރިއަރަމުންދާ ކަން ފާހަގަ ކުރައްވައި، ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަން ފެށުމުގެ ކުރިން އިޤުތިޞާދު އޮތް ހާލަތާ ގާތްކުރާ މިންވަރަކަށް ޤައުމުގެ އިޤުތިޞާދު ކުރިއަރާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް، މި ހިނގާ 2022 ވަނަ އަހަރު ސިފަ ކުރައްވާފައި ވަނީ ރާއްޖޭގެ އިޤުތިޞާދަށް ގޮންޖެހުންތައް ގިނަ އަހަރެއްގެ ގޮތުގައެވެ. މިގޮތުން، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިނުގަނެވެނީސް، ވިލާތުގެ އިރުމަތީގައި ހަނގުރާމައެއް ފަށައި، އެ ހަނގުރާމައިގެ ނުރައްކާތެރި އަސަރު މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ކަމުގެ ނުރަނގަޅު އަސަރުތައް ރާއްޖޭގެ އިޤުތިޞާދަށް ވެސް ފޯރަމުންދާ ކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ގޮންޖެހުންތައް އޮތް ނަމަވެސް، ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއި ސިޔާސަތުތަކާ އެކު ރާއްޖޭގެ އިޤުތިޞާދީ ކުރިމަގު ފެންނަމުން ދަނީ އުޖާލާކޮށް ކަމުގައެވެ.

އިޤުތިޞާދީ ހާލަތާ ގުޅޭ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އަހަރު ނިމޭއިރު ރާއްޖޭގެ އިޤުތިޞާދު 12.3 އިންސައްތަ ކުރި އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ކުރިއަށް އޮތް އަހަރު އިޤުތިޞާދަށް 7.6 އިންސައްތައިގެ ކުރިއެރުމެއް އަންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ. އަދި، މި ބަދަލުތަކުގެ ފަހަތުގައި އޮތީ ކުރިއަރަމުން އަންނަ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކަމަށާއި، ކޮވިޑް-19ގެ ބަލިމަޑުކަން ފެށުމުގެ ކުރިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރަމުންދިޔަ އަދަދާއި އެއްވަރަށް މިހާރު ފަތުރުވެރިން އަންނަމުންދާ ކަމުގައި ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ކޮވިޑަށް ފަހު ދުނިޔޭގެ ނިސްބަތުން އެންމެ ބާރު ދުވެލީގައި ކުރިއަރަމުންދާ 10 އިޤުތިޞާދުގެ ތެރޭގައި ރާއްޖޭގެ އިޤުތިޞާދު ހިމެނޭ ކަން ފާހަގަކުރައްވައި، 2021 އަދި 2022 ވަނަ އަހަރު ވެސް އެންމެ ބޮޑު އިޤުތިޞާދީ ކުރިއެރުމެއް ލިބިފައިވާ ފަސް ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކަށް ވެސް އަލިއަޅުއްވައިލައްވާފައެވެ. އަދި، 2030 ވަނަ އަހަރު ކުރިން ރާއްޖެއިން ނެޓް ޒީރޯއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ އަމާޒު ހާސިލު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕުލާސްޓިކުގެ ބާވަތްތައް މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް ހޯދިފައިވާ ކާމިޔާބީތައް ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަށް އެތެރެކުރެވޭ ޕުލާސްޓިކު ކޮތަޅުގެ އަދަދު އެއް އަހަރު ދުވަހުގެ ތެރޭގައި ދެބައިކުޅައެއްބައި މަދުކުރެވިފައިވާ ކަމުގައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މަރައިލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންނަށް އިންސާފު ހޯދައި ދިނުމަށާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ގެ ޚިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ވެސް ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ. މި ގޮތުން، މަރައިލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން އެ މަނިކުފާނަށް ތިން ރިޕޯޓެއް ހިއްސާ ކުރައްވާފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، އެމް.އެމް.ޕީ.އާރް.ސީ.ގެ ޚިޔާނާތާއި ގުޅޭ ފަސް ފަރާތެއްގެ މައްޗަށް ޖުމުލަ 43 ދަޢުވާއެއް ކޯޓުގައި ސާބިތުވެފައިވާ ކަން ފާހަގަކުރައްވައި، އެ ޚިޔާނާތާ ގުޅޭ 53 މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ)އިން މިހާރު ވެސް ތަޙުޤީޤު ކުރަމުންދާ ކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.