ސަރުކާރުގެ ސަތޭކަ އިންސައްތަ ޙިއްޞާ އޮންނަ ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޮމްޕެނީ (އެމް.އެފް.އެމް.ސީ.) އަށް ނިސްބަތްވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އެގްރިސެންޓަރ އަކީ އެއްތަނެއް ކަމުގައި ގިނަފަރާތްތަކަށް ހީވެއެވެ. ސަބަބަކީ ދެތަނަކީވެސް ދަނޑުވެރިކަމާ ގުޅުން ހުރި ދެތަން ކަމުގައި ވުމެވެ.
ނަމަވެސް އެގްރި ސެންޓަރާއި އެގްރޯނެޓްގެ މަސައްކަތް ވަރަށް ތަފާތެވެ.
އެސްޓީއޯގެ އެގްރިސެންޓަރ އަކީ ދިވެހި ދަނޑުވެރިން ހައްދާ ތަކެތި ގަނެ ދަނޑުވެރިންނަށް ހަމަ އަގު ހޯދައިދިނުމުގެ ބޭނުމުގައި އެސްޓީއޯއިން ހަދާފައިވާ ސެންޓަރެކެވެ.
އެގްރިސެންޓަރުގެ މަސައްކަތަކީ ދަނޑުވެރިޔާގެ އުފެއްދުން ބާޒާރުގައި ވިއްކުމާއި ދެމެދުގައި ހުރި ގޮންޖެހުންތައް ނައްތާލައި ދަނޑުވެރިން ކުރާ މަސައްކަތުގެ އަގު ސީދާ އެދަނޑުވެރިންނަށް ދިނުމެވެ.
އެގްރޯނެޓްގެ އަމާޒު މުޅިން ތަފާތެވެ. މިކުންފުނީގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން ޞިނާއަތެއްގެ ގޮތުގައި ރާއްޖޭގެ ދަންޑުވެރިކަން ތަރައްޤީ ކުރުމެވެ.މީގެ އިތުރުން ދަނޑުވެރިންގެ އުފެއްދުންތަކަށް މާކެޓުން ރަނގަޅު ފުރުސަތުތައް ހޯދައި ދިނުމާއި , ސަޕްލައިކުރާ ފަރާތްތައް ބަލަހައްޓާ ދިމާވާ މައްސަލަތަކަށް ހައްލު ހޯދާދިނުމާއި ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދޭ މިންވަރު އިތުރުކޮށް ތަރައްގީ ކުރުމެވެ.
އެގްރޯނެޓް އާއިއެކު ދަނޑުވެރިން އުފައްދާ ތަކެތި ޔަޤީންކަމާ އެކީގައި، އެކަށީގެންވާ ރަނގަޅު އަގެއްގައި ވިއްކޭނެކަމުގެ ޔަޤީކަން ދަނޑުވެރިޔާއަށް ލިބި ހަމައެއާއެކީގައި، ރިޒޯޓުތަކާއި ރެސްޓޯރެންޓްތަކަށާއި އަދި މާކެޓަށް މެދުނުކެނޑި ހަމަ އަގުގައި އެއްވަރެއްގައި އެ ސަޕްލައި ލިބޭނެގޮތް ކަށަވަރުވެގެންދިޔައެވެ.
ފާހަގަ ކޮށްލަން ޖެހެނީ އެގްރޯނެޓް އަދި އެގްރިސެންޓަރ މިދެތަނަކީވެސް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޤްތިޞާދު ފުޅާކުރުމަށްޓަކައި ކުރެވިދާނެ މުހިއްމު އެއް ޞިނާޢަތް ކުރިއެރުވުމަށް ނުހަނު ބޭނުންތެރި ދެތަންކަމެވެ.ދިވެހި ދަނޑުވެރިން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަނީ ނުހަނު އަގުހުރި މަސައްކަތް ތަކެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން