ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް މއ.ކޮށީގެ، ޢަބްދުﷲ ސަޢީދު މިއަދު ޢައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށާއި މެނޭޖިންގ ޑިރެކްޓަރު ކަމަށް ސައީދު މިއަދުން ފެށީގެން އައްޔަންކޮށްފައިވާ ކަމަށެވެ.

އެމްޑީގެ މަގާމަށް ސައީދު އައްޔަންކޮށްފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނީޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުންކަމަށެވެ.

މަގާމުގެ ލިޔުން ސައީދުއާއި ހަވާލުކުރީ ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީސީބީގެ ރައީސް އާސިމް މުހައްމަދެވެ.

އެސްޓީއޯގެ އެމްޑީގެ މަގާމަށް ސައީދު އައްޔަންކޮށްފައިމިވަނީ އެ މަގާމުގައި ހުންނެވި ހުސެއިން އަމްރު އެ މަގާމުން ވަކިކުރުމަށްފަހުގަ އެވެ.

ސައީދު އެންމެ ފަހުން އަދާކުރެއްވީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމެވެ. ސައީދު މީގެ ކުރިން ވަނީ ގްލޯބަލް ޓްރޭޑިންގ (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރ އަދި ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓްގެ މަގަމާއި މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އަދި ސީއީއޯ ކަމާއި އެސްޓީއޯ މޯލްޑިވްސް (ސިންގަޕޯރް) ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.