“ޓްރެއިން ދަ ޓްރެއިނަރސް" ޕްރޮގްރާމުގައި ބައިވެރިވި ފްރަންޓްލައިން ސިވިލް ސަރވިސް މަސައްކަތްތެރިންނަކީ، ޚިދުމަތުގެ ޕްރޮސެސްތައް ހަރުދަނާކޮށް، އަދި ރައްޔިތުންނަށް އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ތިބޭ އެހެން ފަރާތްތަކަށް ނަމޫނާ ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ) ގެ ދަށުން ސަރުކާރުގެ ޚިދުމަތުގެ ވޯކްސްޓްރީމްގެ ދަށުން ކުރިއަށް ގެންދިޔަ "ޓްރެއިން ދަ ޓްރެއިނާސް" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހޮޓެލް ޖެންގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޕަބްލިކް ސެކްޓަރ ކުރިއެރުވުމުގައި ޔޫ.އޭ.އީ.ގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
ހަމައެއާއެކު އެމަނިކުފާނު ވަނީ، ޔޫއޭއީގެ ތަޖުރިބާއިން އުނގެނުމުގެ އަގުހުރި ފުރުޞަތު ޤަބޫލުކުރައްވައި، ޢާންމު ޚިދްމަތް ފޯރުކޮށްދިނުމާއި، ޕަބްލިކް ސެކްޓަރ އިޞްލާޙުކުރެއްވުމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ފަންސާސް ބައިވެރިން ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ނިންމާލާފައިވާއިރު، މި ޕްރޮގްރާމުގައި ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތާގުޅިގެން ، އެންމެ ފަހުގެ ތިއަރީތަކާއި ކޮންސެޕްޓްތަކާއި ބެސްޓް ޕްރެކްޓިސްތަކާއި ޓެކްނިކްސްގެ ފުރިހަމަ ތަމްރީނުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސް.ސީ.) އާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި.) އާއި ފޮރިން ރިލޭޝަންސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ޑިވިޝަން ގުޅިގެން ކޮށްފައިވާ މަސައްކަތުންނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން