އިސްލާމީ އިލްމުން މާސްޓާރަސް ޑިގްރީ ހާސިލްކޮށްފައިވާ އިމާމުންނަށް ރާއްޖެއިން ބޭރުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ވަރަށް އަވަހަށް ފަހިކޮށްދިނުމުގެ މަޝްރޫއުއެއް އިއުލާން ކުރައްވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކްފާން ވަނީ މިޞްރާއި ސަޢުދީ އަރަބިއްޔާއާއި މެލޭޝިޔާއާއި ބުރޫނާއި އަދި އިންޑޮނޭޝިޔާއިން ތަމްރީނުގެ ފުރުޞަތު އިމާމުންނަށް ހޯދައިދެވޭނެ ކަމުގައި ހާމަކުރައްވާފައެވެ.
ރާއްޖޭގައި އިމާމުންނަށް ޚާއްސަ ތަމްރީނުތައް ކޮންމެ ވެސް ވަރަކަށް ކުރިއަށް ގެންދިޔަ ނަމަވެސް، އެކަށީގެންވާ މިންވަރަކަށް އެފަދަ ފުރުސަތުތައް ފެހިވެފައި ނުވާކަމުގެ ޝަކުވާތައް ގިނައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ ޝަހީމް ވަނީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމާއި ވިލާ ކޮލެޖުގެ ޑީންގެ މަގާމު މީގެ ކުރިން ފުރުއްވާފައެވެ. އާސަރުކާރުގެ މަސްޢޫލިއްޔަތާއި ހަވާލުވެވަޑައި ގެންނެވިތާ މާގިނައިރުތަކެއް ނުވެ އެމަނިކްފާންވަނީ މުހިންމު ނިންމުންތަކެއް ނިންމަވާފައެވެ.
ފަތުވާ ކައުންސިލް އިތުރަށް ތަރައްގީ ކުރުމާއި ، އިސްލާމިކް ސްޓޫޑިއޯ ޓީވީ ސްޓޭޝަންއަކަށް ބަދަލު ކުރުމާއި ، ޤުރުއާނާއި ބެހޭ މަރުކަޒު އިތުރަށް ތަރައްގީ ކުރުމާއި ޒަކާތު ހައުސް އުފައްދަވާނެކަންވެސް ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން ގދ. ތިނަދޫ އިސްލާމީ މަރުކަޒު، އިސްލާމިކް ޔުނިވާސިޓީގެ ދަށަށް ބަދަލުކުރަން އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް ވަނީ ނިންމަވާފައެވެ. މިއީ އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމާ ހަވާލުވުމަށް ފަހު ޝަހީމްގެ އެންމެ ފުރަތަމަ ނިންމެވުމެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން