މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ  ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަކީލުއާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުވުމުގައި  މަޝަވަރާކުރެވުނީ ރައީސް ޑރ މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް ޙައްޖަށް ދިއުމުގެ ޚިދުމަތްތައް ތަރައްޤީކުރުމާ ބެހޭގޮތުން ކަމަށާއި ، އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ގުޅިގެން މިކަމުގައި މަސައްކަތްކުރާނެ ކަމަށް މިނިސްޓަރ ޝަހީމް ވަނީ އެކްސް މެދުވެރިކޮށް ހާމަކުރައްވާފައެވެ.

ދެވަނަ ފަހަރަށް މިނިސްޓަރުގެ މަޤާމަށް ވަޑައިގަންނަވާއިރު އެމަނިކުފާނުގެ މޭސްތިރިކަމުގައި ކުރިން އުފެއްދެވި ޙައްޖު ކޯޕަރޭޝަން އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމާއި، ޒަކާތު ފަންޑު ތަރައްޤީކޮށް ފުޅާކުރުމާއިއެކު ޒަކާތު ހައުސް އުފެއްދުމާއި، ދިނީ މަޢުލޫމާތު އިތުރަށް ފުޅާކޮށް ފެތުރުމުގެ ގޮތުން ”ހިދާޔަތުގެ އަލި” މަޖައްލާ ނެރުއްވަން ފެެއްޓެވުމާއި، ފަތުވާ ކައުންސިލް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ޒުވާން ޖީލަށް އިސްލާމީ ތަރުބިއްޔަތު ދިނުމާއި، ޒަމާނަށް ފެތޭ ގޮތަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.

އަދި ޤައުމީ ޤުރުއާން މުބާރާތް ތަރައްޤީކޮށް ޤުރުއާނުގެ އިލްމާއި މަޢުރިފާ ފަތުރައި ޤުރުއާނުގެ ދިރާސާ ޝާއިޢު ކުރުން އަދި ދިވެހިރާއްޖޭގައި ޤާއިމު ކުރެވިފައިވާ އިސްލާމީ މަރުކަޒުތައް ރަސްމީކޮށް އިފްތިތާޙުކޮށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ މެދުވެރިކޮށް އަތޮޅުތަކުގެ މަރުކަޒުތަކުގައި އިލްމާއި ސަޤާފަތް ފެތުރުމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްލާމިކް ސްޓޫޑިއޯ ތަރައްޤީކޮށް، އިސްލާމިކް ޓީވީ ޗެނަލެއްގެ ގޮތުގައި ޚިދުމަތްދިނުމުގެ އިތުރުން އައުޤާފުތައް އިތުރުކޮށް ދީނީ ފަންޑާއި މިސްކިތު ފަންޑު ތަރައްޤީކުރުންފަދަ ލަނޑުދަނޑިތަކެއް ވަނީ ކަނޑައަޅުއްވާފައެވެ.