އިންޑިއާ ކަނޑުގެ ސަރަޙައްދަކީ، ވިލުންތެރި އަދި ފުދުންތެރި ސަރަޙައްދަކަށް ހެދުމަށްޓަކައި ތަޖުރިބާ ޙިއްޞާކުރުމަށާއި އެކުގައި މަސައްކަތްކޮށް ހަރުދަނާ ގުޅުންތަކެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ޗައިނާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތައް ގުޅިގެން އިޤްތިޞާދީ ތަރައްޤީއަށް ކުރާ މަސައްކަތާ ގުޅޭގޮތުން މަތީ ފަންތީގެ އިސްވެރިންގެ މެދުގައި ބާއްވަވާ ރަސްމީ ފޯރަމްގެ ދެވަނަ ބުރެވެ.

މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން 2011 ވަނަ އަހަރު ދިވެހިރާއްޖެ ޕްރޮމޯޓްވުމަށްފަހު، އިންޑިއާ ކަނޑުގެ ސަރަޙައްދާއި، އެނޫންވެސް ސަރަޙައްދުތަކުގެ ޤައުމުތަކާ ގުޅިގެން ސަރަޙައްދީ ކުރިއެރުމަށާއި ސުލްޙަމަސަލަސްކަމަށް ރާއްޖެއިން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުޖުތަމަޢާ ގާތްގުޅުމެއް އުފައްދައި މަޝްވަރާއަށް އިސްކަންދީ، ޞުލްޙަވެރިކަމާއި އެކުވެރިކަމާއެކު ދެމިތިބެ އެއް އަމާޒަކަށް މަސައްކަތްކުރުމަށް ރާއްޖެއިން އަބަދުވެސް ބާރުއަޅަމުން އަންނަކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއްކަން ފާހަގަކުރައްވައި، ދެ ޤައުމުންވެސް، އިޖްތިމާޢީ ތަރައްޤީއާއި، ޞުލްޙަމަސަލަސްކަމާއި، ތަނަވަސްކަން އިތުރު ކުރުމުގެ މަޤްޞަދުގައި ރައްޔިތުންނަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅޭކަން ފާހަގަކުރެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ، ޗައިނާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ސަރުކާރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މިގޮތުން، މި ދެޤައުމުގެ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އަދާކުރާ އިޙްތިރާމާއި ދެ ޤައުމުން ޙިއްޞާކުރާ ވަކި އަމާޒުތަކަށް މަސައްކަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ދެޤައުމަށްވެސް ފައިދާކުރަނިވި އެކިއެކި ދާއިރާތަކުން ދެޤައުމުގެ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ ސަރަޙައްދުގެ ނުވަދިހަ ނުވަ އިންސައްތަ އަކީ ކަނޑުގެ ސަރަޙައްދުކަމާއި، ހިކިފަސް ތަންތަނުގެ ގޮތުގައި ހިމެނެނީ އެންމެ އިންސައްތައެކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ، ކަނޑާ ގުޅިފައިވާ ކާރިސާތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދުނިޔެ ހޫނުވުމާއި، ރަށްގިރުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައްފަދަ ގެއްލުންތަކަކީ ރާއްޖެއިންވެސް ތަޖުރިބާކުރަންޖެހޭ ކަންތައްތައްކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިން ދިރިއުޅުމަށް ކުރާ މަސައްކަތް ގުޅިފައިވަނީ ކަނޑުގެ ދިރުންތަކާއި އަދި ނޫ އިޤްތިޞާދާކަމަށާއި އޭގެ ތެރޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާޢަތަކީ ކަނޑުގެ ދުޅަހެޔޮކަމުގެ މައްޗަށް ބަރޯސާވެފައިވާ ސިނާޢަތްތައްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެއަކީ ނާޒުކު ތިމާވެށްޓެއްގެ ވެރި ޤައުމެއް ނަމަވެސް ރާއްޖެއަކީ ވިލުންތެރި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރަމުން އަންނަ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޢާންމު މުޖުތަމަޢުތަކަށާއި ތިމާވެއްޓަށްވެސް އޭގެ ފައިދާވާ ގޮތަށް ކަނޑުގެ ދިރުންތަކުގެ ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގައި އީޖާދީ ގޮތްތައް ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން، މި ފޯރަމް ވެގެންދާނީ ޚިޔާލު ބަދަލުކޮށް، ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރެވި ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއެކު މި ސަރަޙައްދުގެ މުސްތަޤްބަލް ބައްޓަންކުރުމަށް ލިބޭ މުހިންމު ފުރުޞަތަކަށްކަން ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.