އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާއިންނާއި ހުރިހާ ފަރުދުންގެ ކަރާމާތަށްޓަކައިވެސް އެންމެބޮޑަށް ބާރުއަޅާކަމަކީ ހަމަކަންކަމަށާ އަދި ބައިބައިވުމަށް ފުރުޞަތެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްވިޒަރލެންޑްގެ ޖެނީވާގައި "ހިއުމަން ރައިޓްސް 75"ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ޕެނަލް ޑިޝްކަޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އިންސާނީ ޙައްޤުތައް ކުރިއަށް ނެރެ މިއަދާ އަދި ކުރިމަގުގެ މައްސަލަތައް ޙައްލުކުރުމުގެ މައުޟޫޢުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ ކަންކަމުގައި ގެންގުޅުއްވާ ވިސްނުންފުޅަކީ ތަރައްޤީއަށް ކުރާ ދަތުރުގައި އިންސާނީ ތަރައްޤީއަށް އިސްކަންދިނުމުގެ ވިސްނުންފުޅު ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާއަށް 75 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރާއިރު ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކުން މަޙްރޫމުވެ ކުރިމަތިލާންޖެހިފައިވާ ދަތި ޙާލަތަށް އަލިއަޅުއްވާލައްވައި ޣައްޒާގައި ހިންގަމުންދާ ޢުދުވާންތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ތަކުރާރު ކުރެއްވިއެވެ. މީގެ އިތުރުން ޣައްޒާގެ މިހާރުގެ ޙާލަތާއި އަދި އެހެން ޤައުމުތަކުގައި ހިނގަމުންދާ މިފަދަ ހަނގުރާމަތަކަކީ އިންސާނީ ޙައްޤުތައް ނެގެހެއްޓުމަށް މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުމަށް ބޭނުންޖެހިފައިވާ މިންވަރު ދައްކުވައިދޭ މިސާލުތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މައިގަނޑު 5 ނުކުތާއެއް ފާހަގަކުރެއްވިއެވެ. އެގޮތުން ފުރަތަމަ ކަމަކަށް އިންސާނީ ޙައްޤަކީ އިތުރު ބަހުސެއް ނުކޮށް ލިބެންޖެހޭ ޙައްޤެއްކަމާއި އަދި އެއީ ފަރުދެއްގެ ކަރާމާތް ރައްކާތެރިކުރުމަށް އެންމެ ކުޑަ މިންވަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ދެވަނަ ކަމަކަށް އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ މަސައްކަތްކުރިއަށް ގެންދަންވާނީ ސަރުކާރާއި ވިޔަފާރިތަކާއި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި ބައިނަލްއަޤްވާމީ މުއައްސަސާތަކާއި ވަކިވަކި ފަރާތްތައް ހިމެނޭހެން ވަށާޖެހޭ ގޮތެއްގައިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ތިން ވަނަ ކަމަކަށް އިންސާނީ ޙައްޤުތަކާއި ގުޅޭ ޢިލްމުތައް ހުރިހާ ފަންތިއެއްގައި ފެތުރުމެވެ. އަދި ހަތަރު ވަނަ ކަމެއްގެ ގޮތުގައި، ތަރައްޤީއާ ޞުލްޙަމަސަލަސްކަމާއި ސަލާމަތްކަން ކުރިއަރުވައި މުޖުތަމަޢުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މަލްޓިލެޓަރަލިޒަމާއި ވަކި ހަމަތަކެއްގެ މައްޗަށް ބިނާވެގެން ބައިނަލްއަޤްވާމީގޮތުން ކަންކުރަމުން އަންނަ އުސޫލުތައް ބަލައިގަނެ ކުރިޔަށްދިއުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފަހުކަމެއްގެ ގޮތުގައި، ކުރިމަގަށް ކުރެވޭ އުންމީދުތައް އާކުރުމުގެ ގޮތުން އަދި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އިތުރުކުރުމާއެކު ކަންކަން ނިންމުމަށް މަގުފަހިކުރުމުގެ ގޮތުން އިންސާނީ ޙައްޤުތަކާއި މޫސުމަށް އަންނަ ބަދަކުތަކާ ގުޅޭ ވާހަކަތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

"ހިއުމަން ރައިޓްސް 75"ގެ މަތީ ފަންތީގެ ހަރަކާތްތަކަކީ އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ސްވިޒަރލެންޑްގެ ސަރުކާރާ ގުޅިގެން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބާ ފާހަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކެކެވެ.

ދިވެހިރާއްޖެއަކީ އދގެ ހިއުމަންރައިޓްސް ކައުންސިލުގެ މެންބަރު ޤައުމެކެވެ. އަދި ކައުންސިލުގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ނައިބު ރައީސްގެ މަޤާމު މިހާރު ފުރަމުން ދަނީވެސް ދިވެހިރާއްޖެއިންނެވެ.