ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޚަރަދުތަކުގެ ތަފްޞީލުތައް ސަރުކާރުން ވަޢުދުވެފައިވާ ގޮތަށް ހާމަކުރައްވައިފިއެވެ.

މި މަޢުލޫމާތުތައް ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބެވެ. މިއީ މިހާތަނަށް ސަރުކާރުން އިސްވެ މިގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގެ ޚަރަދުތައް މިހާ ތަފްޞީލުކޮށް ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގެ ޚަރަދުތައް އެދަތުރެއް ނިންމަވައި ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށާއި ކޮޕް28ގައި ބައިވެރިވެވަޑައިގެންނެވުމަށް ޔުނައިޓެޑް ޢެރެބް އެމިރޭޓްސް (ޔޫ.އޭ.އީ.)އަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުގެ ތަފްޞީލުތައް ދެއްވަމުން ޝަހީބު ވަނީ އެ ދެޤައުމަށް ކުރެއްވި ދަތުރުފުޅުތަކުގެ ޚަރަދުގެ ޖުމްލައަކީ 3،489،165.12 (ތިން މިލިއަން ހަތަރުލައްކަ އައްޑިހަ ނުވަހާސް، އެއް ސަތޭކަ ފަސްދޮޅަށް ފަސްރުފިޔާ ބާރަ ލާރި)ކަން ހާމަކުރައްވާފައެވެ. އަދި ޝަހީބު ވަނީ ތުރުކީގެ ދަތުރުފުޅާއި ޔޫ.އޭ.އީގެ ދަތުރުފުޅުގެ ޚަރަދުތައް ވަކިވަކިން ތަފްޞީލުކޮށްދެއްވާފައެވެ. އޭގެ ތެރޭގައި ޓިކެޓް ޚަރަދާއި ޕޮކެޓްމަނީ އަދި އެނޫންވެސް ޚަރަދުތަކާއި އެޤައުމުތަކުން ހަމަޖައްސައި ދެއްވި ކަންކަމުގެ ތަފްޞީލުތައް ވެސް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބޭރު ދަތުރުފުޅުތަކުގައި ފަސްޓް ކްލާހުގައި ދަތުރުފުޅު ނުކުރައްވާނެކަމުގައި ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅުތަކުގެ ޚަރަދުގެ ތަފްޞީލުތައް ހާމަކުރައްވާފައިވާއިރު މި ދަތުރުފުޅުތަކުގައި ބޮޑެތި އިންވެސްޓްމަންޓް ފުރުޞަތުތައް ރާއްޖެއަށް ތަނަވަސްވެ، އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ކުރިއެރުން ލިބިގެންދާނެ އެތަކެއް ކަންތައްތަކެއް ފަހިވެގެން ގޮސްފައިވެއެވެ.