ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ވަޒީރުންގެ މުސާރަބޮޑުކުރަން ސަރުކާރުން އެދިފައި ނުވާނެކަމަށާ އަދި އެކަން އެގޮތަށްކުރަން ބޭނުންފުޅު ނުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަދި އެކަންކޮށްފައި ވަނީ ސަރުކާރާ އެއްވެސް މަޝްވަރާކުރުމެއް ނެތިކަމަށާއި އެ ގެންނެވި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާފަދަ އިޖުތިމާޢީ ފަންޑަކަށް ހަދިޔާކުރުމަށް ނިންމަވާފައިވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމެވި ނިންމެވުމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ވިދާޅުވީ އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅުގައި މިފަދަ ނިންމެވުމެއް ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.