ޣައްޒާއަށް ކުރިމަތިކުރަމުންދާ ލާއިންސާނީ އަމަލުތައް ނިމުމަކަށް ގެނައުމަށް، އ.ދ.ގެ ސަލާމަތީ މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ނާކާމިޔާބުވެފައިވާކަން ފާހަގަކުރައްވައި އެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކުށްވެރި ކުރައްވައިފިއެވެ.
އެމަނިކުފާނު މި ވަރުގަދަ ބަޔާން ދެއްވީ، ނިއުޔޯކްގައި ކުރިއަށްދިޔަ އ.ދ.ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ޚާއްޞަ ޖަލްސާގެ 45 ވަނަ ޕްލެނަރީ މީޓިންއަށް، ފޮނުއްވި މެސެޖުގައެވެ.
ނިއުޔޯކްގައި ކުރިއަށްދާ އ.ދ.ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ޚާއްޞަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، މި ބަޔާން އިއްވެވީ އދ.އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ޝާޒޭ ޑި އެފެއާޒް އަދި ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ޑޮކްޓަރ އިބްރާހީމް ޒުހުރީއެވެ.
ރައީސުލްޖުމުހޫރިއްޔާގެ މެސެޖުގައި އ.ދ. ގެ ސަލާމަތީ މަޖިލީހުން އެ މައްސަލަ ވީޓޯކުރުމުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމުގައި ފެއިލްވުމުގެ އިތުރުން، މިކަމުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާތަކަށް މަގުފަހިކޮށްދެމުންދާތީ، މިހާރު ދުނިޔޭގެ އެތައް މިލިއަން ބަޔަކު އިންސާނިއްޔަތުގެ އަގާއި އ.ދ.ގެ ބޭނުންތެރިކަމާމެދު ސުވާލު އުފައްދަމުންދާކަމުގައި ވިދާޅުވިއެވެ.
މީގެ 78 އަހަރު ކުރިން އ.ދ. އުފެދުނީ ދެވަނަ ބޮޑު ހަނގުރާމައިގައި ކުރިމަތިވި ފަދަ އަނިޔާވެރިކަމެއް ދުނިޔެއަށް ދެން ފެންނަން ނޭދޭތީ، އެކަން ކަށަވަރުކުރުމަށްކަމުގައި ފާހަގަކުރައްވަމުން، ބައިނަލްއަޤްވާމީ ޞުލްޙައާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަކީ އ.ދ.ގެ ސަލާމަތީ މަޖިލީހުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެއާއެކު ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި ޢަމަލުތައް ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓުން ތަޙުޤީޤުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމަށް، ރާއްޖެއިން ގޮވާލައްވަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
7 އޮކްޓޫބަރު 2023 ގެ ކުރިން ވެސް އިސްރާއީލުގެ ބާރުގެ ދަށުން ފަލަސްޠީނަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، އިންސާނީ ޙައްޤުތައް ދެމެހެއްޓުމުގައި ދެފުށް ފެންނަ މިންގަނޑުތަކެއް ގެންގުޅުމަށް އ.ދ.ގެ ސަލާމަތީ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. ހަމަ އެއާއެކު، އާންމު ރައްޔިތުންގެ ޙިމާޔަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއެކު، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކުގައި ހިފަހައްޓައި އެ ޤާނޫނުތަކުގައިވާ ގޮތަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރިހާ ފަރާތްތަކަކަށްވެސް ބާރުއެޅުއްވުން އިތުރުކުރުމަށް އ.ދ.ގެ ޖެނެރަލް އެސެމްބްލީގެ ބައިވެރިންގެ ފަރާތުން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި ޤަވާއިދާ ޚިލާފަށް ފަލަސްޠީނުގައި މީހުން ވަޒަންވެރިކުރުން އިތުރުކުރުމާއި، ފަލަސްޠީނުގެ އިޤްތިޞާދު އެކަހެރިކުރުން ހުއްޓުވުމަށް، އިސްރާއީލު ސަރުކާރަށް، ބައިނަލްއަޤްވާމީގޮތެއްގައި ބާރުއެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
އ.ދ.ގެ މި ކުއްލި ބައްދަލުވުމަކީ މިޞްރާއި، މޮރިޓޭނިއާގެ އެދުމުގެ މަތިން އ.ދ.ގެ އާންމު މަޖިލީހުގެ ޤަރާރު 377 "ޔުނައިޓިންގ ފޮރ ޕީސް" ކަމުގައި ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޤަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސަރ ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ ޤަރާރުގައި ވަނީ، އިސްރާއިލުން ހިންގާ ލާއިންސާނީ ހަނގުރާމަ ހުއްޓާލުމަށާއި، ރަހީނުކުރި އެންމެން ވަގުތުން ވަގުތަށް ޝަރުތެއްނެތި ދޫކޮށްލުމަށާއި، ހަމަނުޖެހުންތަކުގެ ސަބަބުން ގެއްލުން ލިބުނު ހުރިހާ ސަރަޙައްދަކަށް ހުއްޓުމެއްނެތި އިންސާނީ ވަޞީލަތްތައް ލިބޭނެކަމުގެ ޔަޤީންކަން ދިނުމަށް ގޮވާލުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ ގުޅިގެން އ.ދ.ގެ އާންމު މަޖިލީހާއި ހިއުމަން ރައިޓްސް ކައުންސިލް އަދި އ.ދ.ގެ ސަލާމަތާބެހޭ މަޖިލިސް ފަދަ އެކި ފޯރަމްތަކުގައި ދިވެހިރާއްޖޭގެ ސަރުކާރުން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދި މި މެސެޖުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި، ފަލަސްޠީނުގެ ސަރުކާރު، އަމިއްލަ އިޚްތިޔާރުގެ ޙައްޤު ޙާޞިލުކުރުމަށް ކުރާ މަސައްކަތުގައި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރު ސާބިތުކަމާއެކު އެންމެ ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ . ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ގޮވާލެއްވިއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން