ސަރުކާރުގެ ވަޢުދާ އެއްގޮތަށް ދިރާސީ އައު އަހަރު ފަށާދުވަސް އަހަރުގެ ކުރީކޮޅަށް ބަދަލުކުރުމުގެ ނިންމުމާއި އަދި ރައްޔިތުންނަށް މުހިންމު އިތުރު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުންތައް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މި ކަންކަމާ ގުޅޭ ވުޒާރާތަކުން ހުށަހެޅުއްވި ކަރުދާސްތަކުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި ބައެއް ނިންމެވުންތަކަށް ބަލާއިރު، ދިރާސީ އައު އަހަރު ފަށާދުވަސް އަހަރުގެ ކުރީކޮޅަށް ބަދަލު ކުރެއްވުމަށާއި ސްކޫލްތަކުގެ އަހަރީ ބޮޑު ޗުއްޓީ ޑިސެންބަރުމަހަށް ބަދަލުކުރެއްވުން ހިމެނެއެވެ.
މިކަމާގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ ކުއްލިއަކަށް އެބަދަލު ގެނައުމުގެ ބަދަލުގައި ތަޢުލީމީ ކަލަންޑަރަށް ގެނެވޭ ބައެއް އިސްލާޙްތަކާއެކު ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި އެކަން ހާޞިލުކުރެވޭގޮތަށް ބަދަލުތައް ގެނައުމަށެވެ.
އެގޮތުން 2025 ވަނަ އަހަރުގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެންބަރުމަހުގައި ލިބޭގޮތަށް އަދި 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ޖަނަވަރީ މަހު ފެށިގެންދާ ގޮތަށް މިބަދަލުތައް ގެންނަވާފައިވެއެވެ. މި ބަދަލުތައް ގެނައުމުން، ޖުލައި މަހު 3 ހަފްތާގެ ޗުއްޓީއެއް ލިބޭގޮތަށް އަދި ޑިސެންބަރު މަހު 4 ހަފްތާގެ ޗުއްޓީއެއް ލިބޭގޮތަށް ބަދަލުވެގެންދާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން