ކަނބަލުންނަށް ހާއްސަކޮށް 100 މިލިއަން ރުފިޔާގެ ލޯނު އަންނަ މާޗްމަހުގެ ތެރޭގައި ދޫކުރަން ފަށާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސާދުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ ގޮތުން ކަނބަލުންނަށް ދޫކުރާ ލޯނެއް ކަމަށެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއްދެއްވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން މި ލޯނުގެ 25 އިންސައްތަ، ހާއްސަ އެހީއަށް ބޭނުންވާ އަންހެނުންނަަށް ހާއްސަކުރުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ކަނބަލުން ކުރަމުން އަންނަ އެކިއެކި މަސައްކަތާ ގުޅުންހުރި ސަރުކާރުގެ ވުޒާރާތަކާއި އަންހެން ވިޔަފާރިވެރިން ތަމްސީލުކުރާ ޖަމިއްޔާތަކާއި ބައްދަލުކޮށް މަޝްވަރާކޮށް މިހާރު ވަނީ ނިމިފައެވެ. އަދި މާކެޓުގައި ފައިނޭންސިންގ ބޭނުންވާ ދާއިރާތަކާގުޅޭ ގޮތުން ބޭސް އެސެސްމަންޓްއެއް ތައްޔާރުކުރުމާއެކު އެސް.ޑީ.އެފް.ސީ ގައި މިހާރު ހުރި ލޯން ޕްރޮޑަކްޓް މުރާޖަޢާކުރުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ލޯން ޕްރޮޑަކްޓުގެ ކޮންސެޕްޓް ކަރުދާސް އެސް.ޑީ.އެފް.ސީ އިން ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހަޅައި ނިމިފައިވާއިރު، ޕްރޮޑަކްޓްއާ ގުޅޭގޮތުން އެސް.ޑީ.އެފް.ސީގެ ސިސްޓަމްއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.