އެންމެފުރަތަމަ އިސްކަން ދެއްވާނެ ކަމަކީ ރާއްޖޭގެ އަދި ދިެވހި ރައްޔިތުންގެ މިނިވަންކަން ކަމަށާއި އެއަށްފަހު ދެން އެންމެއިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަމަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގެން އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ހައްލުކުރަން އެމަނިކުފާނު ވައުދުވެފައިވާ ހުރިހާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ ރައްޔިތުންގެ އިހްސާސްތަކާ ގުޅިފައިވާ އެންމެ ހިތްދަތި އެއް މައްސަލައަކީ ގޯތިގެދޮރު މައްސަލަކަމަށެވެ.

މިއީ ފަރުވާއެއް ނުލިބި ޒަމާންތަކެއްވެފައިވާ ބޮޑު ފާރުގަނޑެއް ކަމަށާއި އެމަނިުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ގޯތިގެދޮރާ އަމިއްލަ ހިޔާވަހިކަން އެކަމަށް ބޭނުންޖެހިފައިވާ ހަމަ ކޮންމެ ރައްޔިތަކަށްމެ ލިބިދިނުމަކީ އިންސާނީ ހައްގެއް ކަމަށެވެ. އަދި އެއީ އަސާސީ ހައްގެއް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ތަކުރާރުކޮށް ދެންނެވި ފަދައިން ގައުމުގެ މިނިވަންކަމާ ގުޅޭ ކަންކަމަށްފަހު، ދެން އެންމެ އިސްކަމެއް ދޭނީ ގޯތިގެދޮރުގެ ދަތިކަން ދިވެހި ހުރިހާ ރައްޔިތުންނަށް ހައްލުކޮށް ދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމަށް، ބިން ހިއްކުމާއި ގޯތި ދޫކުރުމާއި ފްލެޓް ބިނާކުރުމުގެ މަޝްރޫއުތައް މިއަހަރު ފައްޓަވާނެ ކަމަށެވެ. އަދި މިސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ މިދައުރުގައި އަމިއްލަ ހިޔާވަހިކަމުގެ ހައްގުން މަހްރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނުހުންނާނެކަން ޔަގީންކުރުން ކަމަށް ވެސް ވިދާޅުވިއެވެ.