ގއ. ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު ގއ. ވިލިނގިލީގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބެލްޖިއަމްގެ ކުންފުންޏެއްކަމަށްވާ އެން.ވީ.ބެސިކްސް އެސް.އޭ އާއެވެ.
މި ފަހުމުނާމާގެ ދަށުން ގއ. ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީ ކުރުމާއެކު ގއ. އަތޮޅުގައި ޓުއަރިޒަމް ސިނާއަތް ކުރިއަރުވައި ތަރައްޤީކުރެވޭނެއެވެ. އޭގެ ތެރޭގައި އިންޓެގްރޭޓަޑް ޓުއަރިޒަމް ޒޯން ތަރައްޤީކުރުން ހިމެނެއެވެ. މިއަދު ވިލިނގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިލިނގިލީ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރާއިރު ވިލިނގިލީގެ ބިމަށް ޖާގަ އިތުރުކުރެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.
މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫޢުގެ ޕްރޮޕޯނަންޓްގެ ފަރާތުން ސޮއިކުރެއްވީ އެން. ވީ. ބެސިކްސް އެސް. އޭ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ ސަރވް ޑޮލްމަންސެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން