ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށްޓާއި ތުރާކުނު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

ހޯރަފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު އެ ރަށު ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، އައިހެވަން މަޝްރޫޢު ކުރިއަށްގެންދަން ބޭނުންވާކަމަށާއި، ރަށުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ޒަމާނީ ފެންވަރުގައި ކުނި މެނޭޖުކުރެވޭނެ ގޮތެއް ޤާއިމުކުރަން ބޭނުންވާކަމަށާއި، އައިސް ޕްލާންޓުން އައިސް ނުލިބޭ މައްސަލައާއި، މިއަހަރަށް ބަޖެޓުކުރެވިފައިވާ މަޝްރޫޢުތައް އަވަހަށް ފެށުމަށް ބޭނުންވާކަން ހިމެނެއެވެ. މީގެ އިތުރުން މިހާރު ފަށާފައިހުރި މަޝްރޫޢުތައް ހުއްޓިފައިހުރިކަން ފާހަގަކުރައްވައި، އެކަމުގެ ކަންބޮޑުވުން ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ. އަދި ރަށުން ބިން ހިއްކައިދީ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެދިވަޑައިގެންނެވިއެވެ.

ހޯރަފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ފާހަގަކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި، ކޮމިޓީއަށް ކުރިމަތިވެފައިވާ ބަޖެޓުގެ ދަތިކަން އެންމެ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަޖެޓުގެ ދަތިކަމަކީ ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންވެސް ފާޅުކުރައްވާ ކަންބޮޑުވުމެއްކަމަށެވެ. އެހެންނަމަވެސް އެކަމަކީ ޤާނޫނުގެ ތެރެއިން ހައްލެއް ހޯދަންޖެހިފައިވާ ކަމަކަށްވާތީ އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާއި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ހިއްސާކުރެއްވިއެވެ. އަދި ދައުލަތުގެ އާމްދަނީ އިތުރު ކުރެވެމުންދާ މިންވަރަކުން މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަމަށާއި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ހއ. ތުރާކުނު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

ހއ. ތުރާކުނު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން:

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ތުރާކުނު ސުކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގައި ޒަމާނީ ފެންވަރަށް މަގުހެދުމަށް ބޭނުންވާކަމަށާއި، ދިވެހިރާއްޖޭގެ އިސްލާމީ ބިނާއެއް ރަށުގައި ޤާއިމުކުރުމަށް ބޭނުންވާކަމަށާއި، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބޭނުންވާ ކަންކަން ހިމެނެއެވެ. އަދި ތުރާކުނު ކައިރީގައި އޮންނަ ވަނގާރު އެރަށުގެ އިހުތިސާސުގެ ތެރެއަށް ލުމަށް ބޭނުންވާކަމަށާއި، ކައުންސިލް އިދާރާ އާއި ސުކޫލުގެ ޖާގައިގެ ދަތިކަމާއި، ރަށަށް އަރާ ބަނދަރުގައި ހުރި ދަތިކަމާއި، ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަކީ ރަށުގެ ރައްޔިތުން ވަރަށް ބޭނުންވާ ކަމެއްކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތުރާކުނުގައި ދިމާވާ ކަރަންޓުގެ މައްސަލަ ފާހަގަ ކުރައްވައި، ޒަމާނީ ފެންވަރުގައި ކަރަންޓު ދެވޭނެ ގޮތެއް ބޭނުންވާކަމަށާއި، ރަށުގެ ޞިއްޙީ މަރުކަޒުގައި ހުރި ގޮންޖެހުންތައް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

ތުރާކުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ވަނީ އެ ކަނބަލުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ބަޖެޓުގެ ދަތިކަން ތުރާކުނު އ.ތ.މ ކޮމިޓީން ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދަވައިދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.