ގިނަ ޚިދުމަތްތައް ލިބޭ ފެންވަރު ރަނގަޅު ހޮސްޕިޓަލް އިމާރާތެއް ހއ. ދިއްދޫގައި އަޅައި، ޞިއްޙީ ޚިދުމަތް ރަނގަޅުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހެނދުނު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ހޮސްޕިޓަލް އިމާރަތް ވެގެންދާނީ ރައްޔިތުން އެދޭފަދަ އަދި މުޅި އަތޮޅަށްވެސް އޭގެ ފައިދާ ލިބިގެންދާނެ ތަނެއް ކަމުގައި ވިދާޅުވިއެވެ.
އަދި މިހާރު އޮތް އެމްބިއުލަންސްގެ އިތުރުން އެމްބިއުލަންސެއް ހޯދައިދިނުމާއި މިހާރު ހުރި ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިއްދޫ އެއަރޕޯޓުގެ މަސައްކަތް ވަޢުދުވެޑައިގެންފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށާއި އަދި އެމަސައްކަތް ކުރިއަށްދާނީ ބިން ހިއްކުމުގެ އިތުރު މަޝްރޫޢަކާ އެކުކަމަށެވެ. ހަމައެހެންމެ، އެރަށުގެ މުސްތަޤުބަލަށް ގެދޮރުވެރިކަން ކުރިއަށްގެންދާނެކަމަށާއި އަދި އެ މަޝްރޫޢަކީ އެންމެ އިސްކަންދޭނެ އެއް މަޝްރޫއަށްވާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާކަމަކަށް އިސްކަންދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން