ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ އާއި ފިނޭ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ހަނިމާދޫ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ހަނިމާދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ހަނިމާދޫގައި ރަނގަޅު ހޮސްޕިޓަލެއް ޤާއިމުކޮށް ޚިދުމަތް ދޭން ބޭނުންވާކަމަށާއި، ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވުމަށާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ބޭނުންވާކަމަށާއި، ބްލަޑް ބޭންކުގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެންދިއުން ހިމެނެއެވެ. އަދި، މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދެވޭނެގޮތް ހަމަޖައްސައިދެއްވުމަށާއި، ޒަމާނީ ފެންވަރަށް މަގުހެދުމުގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންގޮސްދެއްވުމަށްވެސް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ބެންކުގެ ޚިދުމަތް ގާއިމު ވުމާއި، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަމާއި، ސްކޫލަށް ބޭނުންވާ ވަސީލަތްތަކާއި އިތުރަށް ރަނގަޅުކުރަންހުރި ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ހަނިމާދޫގެ އެއާޕޯޓް އަދި ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރި ކަންބޮޑުވުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ހަނިމާދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ ރަށުގެ މަސްވެރިންނަށް ޚާއްޞަކޮށް، މަސްކިރޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެ ކަނބަލުންވަނީ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާކަމަށާއި، ރަށުގައި ބޭސް ލިބުމަށްހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. އަދި ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކުރެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ފިނޭ ކައުންސިލާއި ޑަބްލިއުޑީސީ އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

 

ރައީސުލްޖުމްހޫރިއްޔާ ހދ. ފިނޭ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން:

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ހަނިމާދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ފިނޭ ބަނދަރުގެ މަސައްކަތް މި އަހަރު ތެރޭގައި ފައްޓަވައިދެއްވުމަށާއި، ޒަމާނީ މިސްކިތެއް ބޭނުންވާކަމަށާއި، ޒުވާނުންނަށްޓަކައި ކުޅިވަރުގެ ދާއިރާ ރަށުގައި ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ އިޖުތިމާޢީ ކަންކަން ކުރިއެރުވުމަށް ބޭނުންވާ ކަންކަމާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ ރަށުގައި ހަރުދަނާކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ މޫދަށް އެރި ކަސްރަތު ކުރެވޭނެ ސަރަހައްދެއް ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެވެން ހުރި ގޮތްތައް ބަލައި، އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.