ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ އާއި ހިރިމަރަދޫ ކައުންސިލް އަދި އެ ދެ ރަށުގެ ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ނައިވާދޫ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުން އޮތީ މިރޭ ނެއްލައިދޫ ސުކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މިހާރު ފަށާއިހުރި މަޝްރޫޢުތައް ކުރިއަށްދާލެއް ލަސްވުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރަށުގައި ޞިއްޙީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ބޭނުވާކަމުގައި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިސްކިތަކާއި، ޕޮލިސް ޕޯސްޓެއް ޤާއިމުކުރުމަށް ބޭނުންވާކަމަށާއި، އަދި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާކަމުގައި ކައުންސިލުން ވިދާޅުވިއެވެ. ހަމައެއާއެކު ކަރަންޓު އުފެއްދުމުގައި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކައުންސިލުން އިސްނަގައިގެން ކުރާ މަސައްކަތްތައް ވިދާޅުވެދެއްވައި، ސަރުކާރުން، ކައުންސިލަށް މިކަން ކުރުމަށް ބާރުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިވާދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ، ކޮމިޓީގެ މަސައްކަތްތަކަށް އޮފީސް ޖާގައިގެ ބޭނުންތެރިކަމާއި، ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން އޮތްގޮތް ބައްލަވައި، އެކަންކަން ހައްލުކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ހިރިމަރަދޫ ކައުންސިލާއި ޑަބްލިއުޑީސީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

 

ރައީސުލްޖުމްހޫރިއްޔާ ހދ. ހިރިމަރަދޫ ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރެއްވުން:

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ނެއްލައިދޫ ސުކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ބަނދަރު ބޮޑުކުރުމަށް ބޭނުންވާކަމަށާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ބަޖެޓުގެ ދަތިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުން ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ބާރު ކައުންސިލްތަކަށް ދެއްވީ މި ސަރުކާރުން ކަމުގައެވެ. އަދި މި ސަރުކާރަކީ ވަރަށް އުންމީދީ ސަރުކާރެއްކަމަށާއި، މި ސަރުކާރު ދިފާއުކުރުމަށް ވެވެންއޮތް ހުރިހާ ގުރުބާނީއެއް ހިރިމަރަދޫ ކައުންސިލުން ވާނެކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ މަޝްރޫޢެއްގެ ގޮތަށް ހިރިމަރަދޫ ކައުންސިލް އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ފައްޓަވައި، 20 ދުވަސްތެރޭ ޢަމަލީ މަސައްކަތް ފެއްޓެވުމަށް ނިންމެވިކަން ހާމަކުރެއްވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.