ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ އާއި ނޮޅިވަރަމު ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ކުރިނބީ ކައުންސިލާއެކު ބޭއްވީ މި ބައްދަލުކުރެއްވުން އޮތީ ރޭ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ. 

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ރަށުގައި ހުއްޓިފައިހުރި މަޝްރޫޢުތައް ކުރިއަށްގެންދެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކުނި މެނޭޖުކުރުމަށް ބޭނުންވާ ކަމަށާއި، ސްކޫލުގެ މަލްޓިޕަރޕަސް ހޯލެއް ޤާއިމުކޮށްދެއްވުމަށާއި، 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ރަށުގެ ޞިއްޙީ މަރުކަޒުތައް ހެދުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށުގައި އާޓިފިޝަލް ބީޗެއް ހައްދަވައިދެއްވުމަށާއި، ޕްރީސުކޫލު ހިންގުމަށް ސަރުކާރުން ބަޖެޓެއް ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރިނބީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އެ ކަނބަލުން ބޭނުންވާ ހަރަކާތްތައް ނުހިންގެނީ ބަޖެޓުގެ ދަތިކަން ހުރުމުން ކަމުގައި ވިދާޅުވެ އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ނޮޅިވަރަމު ކައުންސިލާއި ޑަބްލިއުޑީސީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

 

ރައީސުލްޖުމްހޫރިއްޔާ ހދ. ނޮޅިވަރަމު ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރެއްވުން:

ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ކަމަށާއި، ސްކޫލު އެއްދަންފަޅިއަށް ހެދުމަށް ބޭނުންވާކަމަށާއި، މިހާރު ހުރި ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. އަދި ކުނި މެނޭޖުކުރުމަށް ބޭނުންވާކަމަށާއި، ރަށުގެ ދަނޑުވެރިކަން ކުރާ ސަރަހައްދުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށާއި، ރަށުގައި ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ވަސީލަތްތައް ބޭނުންވާކަމަށާއި، އޭ.ޓީ.އެމް ގެ ޚިދުމަތް ބޭނުންވާކަމުގައިވެސް ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް ހުއްޓިފައި ހުރި މަޝްރޫޢުތައް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނޮޅިވަރަމުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އެކަނބަލުންނަށް ހުރި ގޮންޖެހުންތައް ތަފްސީލީ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލު ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.