ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ ބިލެތްފައްސާއި، މިލަންދޫގެ އިތުރުން ފީވަކު ކައުންސިލް އަދި އެ ތިން ރަށުގެ ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ބިލެއްފަހީ ކައުންސިލާއެކު ބޭއްވި މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ކަނޑިތީމު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ފެނާ ނަރުދަމާގެ މަޝްރޫޢޫ އަދި ބަނދަރު އަޕްގްރޭޑުގެ މަޝްރޫޢު ވީއެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޒަމާނީ ކުނިކޮށްޓެއް ޤާއިމުކޮށްދެއްވުމަށާއި، ކައުންސިލް އިދާރާގައި ހުރި ޖާގައިގެ ދަތިކަމާއި، ސްޕޯޓްސް ފިޝިންގއަށް ބޮޔެއް އަޅައިދެއްވުމަށާއި، ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްޤީ ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ބިލެތްފަހީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ ކޮމިޓީ މަސައްކަތްކުރާނެ ވަކި އޮފީހެއް ނުލިބޭކަން ފާހަގަކުރައްވާފައެވެ. އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނަށް ރަނގަޅު އުޖޫރައެއް ހަމަޖައްސަވައިދެއްވުމަށާއި، ކަނބަލުންނަށް ޚާއްޞަކޮށް އިންޑޯ ޖިމެއް ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މިލަންދޫ ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާއެކު ބޭއްވީ ބައްދަލުކުރެއްވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

 

ރައީސުލްޖުމްހޫރިއްޔާ، ށ. މިލަންދޫ ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރެއްވުން:

ރައީސުލްޖުމްހޫރިއްޔާ، ށ. މިލަންދޫ ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާއެކު ބޭއްވި މި ބައްދަލުކުރެއްވުން އޮތީ ހަވީރު މިލަންދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ހައުސިންގ ޔުނިޓްތައް ޤާއިމުކުރުމަށާއި، ކައުންސިލް އިދާރާ މަރާމާތުކުރުމަށާއި، ކުޑަކުދިންގެ ޕާކެއް ވީއެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއެކު، ފަށާފައި ހުރި މަޝްރޫޢުތައް ނިންމުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ދެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އެކަނބަލުންނަށް މަސައްކަތްކުރެވޭނެ ފަހި މާހައުލެއްގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އަދި އ.ތ.މ ކޮމިޓީގެ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވައި، މެންބަރުންނަށް ރަނގަޅު އުޖޫރައެއް ހަމަޖައްސަވައިދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ފީވަކު ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާއެކު ބޭއްވީ ބައްދަލުކުރެއްވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

 

ރައީސުލްޖުމްހޫރިއްޔާ، ށ. ފީވަކު ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރެއްވުން:

ރައީސުލްޖުމްހޫރިއްޔާ، ށ. ފީވަކު ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާއެކު ބޭއްވީ މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު މިލަންދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މިހާރު ފަށާފައިހުރި މަޝްރޫޢުތައް ނިންމުމަށް ބޭނުންވާކަމަށާއި، ސުކޫލު އިމާރާތެއް ބިނާކޮށްދެއްވަން ފެށުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ޒުވާނުންނަށްޓަކައި ކުޅިވަރުގެ ދާއިރާ ރަށުގައި ތަރައްޤީކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ފީވަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ރަށުގައި ކުޅިވަރުގެ ދާއިރާ ތަރައްޤީކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން އ.ތ.މ ކޮމިޓީންވަނީ އެކަނބަލުންނަށް ކުރިމަތިވާ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވަރަށް ރަނގަޅަށް ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.