ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލ. ހިތަދޫ އާއި މާމެންދޫ ކައުންސިލް އަދި އެ ދެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކުރައްވައިފިއެވެ.

ލ. ހިތަދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުން އޮތީ ރޭ ހައްދުންމަތީ ފޮނަދޫ އިޖުތިމާޢީ މަރުކަޒުގައެވެ.

މިބައްދަލުކުރެއްވުމުގައި ހިތަދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ހިތަދޫ ކައުންސިލްގެ ފަރާތުން ވަނީ އެރަށުގެ މަގުތައް ހެދުމާއި ދަޢުލަތުގެ އިދާރާތަކުން ޚިދުމަތް ހޯދުމުގައި ދިމާވާ ބައެއް ގޮންޖެހުންތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި ރަށުގައި ފުޓްބޯޅަ ދަނޑެއް ހެދުމަށް ބޭނުންވާކަމަށާއި، ރަށުން ލިބޭ ޞިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށް ރަށުގައި ހުރި ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ކައުންސިލުން ވަނީ ރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ހަރުދަނާ ގޮތެއްގައި ލިބޭނެ މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ލ. މާމެންދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

 

ރައީސުލްޖުމްހޫރިއްޔާ، ލ. މާމެންދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ލ. މާމެންދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި ތަރައްޤީގެ މަސައްކަތްތަކާބެހޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި މި ބައްދަލުކުރެއްވުން އޮތީ ރޭ ހައްދުންމަތީ ފޮނަދޫ އިޖުތިމާޢީ މަރުކަޒުގައެވެ.

މިބައްދަލުކުރެއްވުމުގައި މާމެންދޫ ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި އެ ރަށުގެ ބިމާއި ޖާގައިގެ ދަތިކަމުގެ އިތުރުން ބަނދަރު މަރާމާތު ކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ޞިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމިޓީން ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ތ.މ ކޮމިޓީތަކުގެ ކުރިމަގަށް އެ މަނިކުފާނު ކުރައްވާ އުންމީދުތައް ހާމަކޮށްދެއްވާފައެވެ. އެގޮތުން އ.ތ.މ ކޮމިޓީތަކަކީ އެހެނިހެން ވަޒީފާތަކެކޭ އެއް ހަމައެއްގައި ފުރުޞަތުތައް ތަނަވަސްވެފައިވާ ބައެއްކަން ކަށަވަރު ކުރެއްވުމަކީ އެ މަނިކުފާނު ކުރައްވާ އުއްމީދެއްކަން ހާމަކޮށްދެއްވިއެވެ. އެގޮތުން އ.ތ.މ ކޮމިޓީތަކުގެ މެންބަރުންނަށް ދޭ އެލަވަންސަށް ހެޔޮ ބަދަލު ގެނައުމުގެ އިތުރުން ޗުއްޓީ ފަދަ އިނާޔަތްތައް ހަމަޖެހިގެން ދިއުމަކީ ކުރައްވާ ތަސައްވުރެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.