ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަރަކާތްތެރި ޙައްޖު ދުވަހުގެ ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ފޮނުއްވައިފިއެވެ.

މީސް މީޑިއާގެ މަންސައެއްކަމަށްވާ އެކްސް މެދުވެރިކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މިރޭ ކުރެއްވި ޕޯސްޓުގައި، ޙައްޖުދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި އެއް ދުވަސް ކަމުގައި ފާހަގަކުރައްވާފައިވެއެވެ. 

އަދި ﷲގެ ރުއްސެވުމާ، ފުއްސެވުމާ، މަދަދުން ފުރިގެންވާ މި ދުވަހުގެ ބާއްޖަވެރިކަން ދިވެހި ލޮބުވެތި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވާފައިވެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން 1150 މީހުން ވަނީ މައްކާއަށް ގޮސްފައެވެ. މީގެތެރޭގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ތެރެއިން ފަގީރުންގެ ދަފްތަރުގައި ހިމެނޭ 1000 މީހުން މި 5 އަހަރު ދުވަހުގެ ތެރޭގައި ޙައްޖަށް ފޮނުވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން ފޮނުވި 50 މީހުންވެސް ހިމެނެއެވެ. މިމީހުން ޙައްޖަށް ފޮނުވާފައިވަނީ ސަރުކާރުގެ ޚަރުދުގައެވެ.

މިއަހަރު ދިވެހި ޙައްޖު ވެރިންގެ އިސްވެރިއެއްގެ ގޮތުން އަމީރުލް ޙައްޖުގެ ގޮތުގައި ސަރުކާރުން ފޮނުއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުއެވެ. ތަޢުލީމީ ވަޒީރުގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމްވެސް ވަނީ މިއަހަރުގެ ދިވެހި ހައްޖު މިޝަންގައި ބައިވެރިވެވަޑައިގެންފައެވެ.

މިއަހަރު ދިވެހި ޙައްޖާޖީންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހިފައިވާއިރު، އިސްލާމީކަންތައްތަކާއި ބެހޭ ވަޒީރުގެ އެދުމުގެ މަތީން ސައުދީ އަރަބިއްޔާއިން ވަނީ އެ ޤައުމުގައި ތަޢުލީމު ހާސިލް ކުރަމުންދާ ދިވެހި ދަރިވަރުންނަށް ދިވެހި ޙައްޖާޖީންނަށް އެހީވުމުގެ ފުރުޞަތުވެސް ފަހިކޮށްދީފައެވެ.