އުރުދުންގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު،ހިޒް އެކްސަލަންސީ ޑޮކްޓަރ މައެން ޚުރައިސަތު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

އުރުދުންގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ކޮވިޑްގެ ދަތި ދުވަސްތަކުގައި ރާއްޖެއިން އުރުދުންގެ ރައްޔިތުނަށް ދެއްވި މެހެމާންދާރީއަށް ފަށްފަށުން ޝުކުރު އަދާ ކުރައްވާފައިވެއެވެ.

ދިވެހިރާއްޖެއާ އުރުދުން އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހުގައެވެ.

އުރުދުންގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. އުރުދުންގެ ސަފީރު ހުންނަވާނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު ގައެވެ.