ރާއްޖޭގައި މިހާރު ކުރިއަށްދާ، ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ދިވެހިރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމު މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގެ ކާމިޔާބީއަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ޓީމަށް ހިތްވަރުދެއްވައިފިއެވެ. އެމަނިކުފާނު ކާމިޔާބީއަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައިވަނީ މިއަދު މީސް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

މިރޭ ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ފައިނަލް މެޗުގައި ރާއްޖެ އާއި ވާދަކުރަނީ ކިރިގިސްތާންގެ ޓީމެވެ. މިއީ ދިވެހި ޤައުމީ ވޮލީޓީމް ކާވާގެ އަންހެން މުބާރާތުގެ ފައިނަލްގައި ކުޅޭ ދެވަނަ ފަހަރެވެ.

މި މުބާރާތުގައި ދިވެހިރާއްޖެ، އަފްޣާނިސްތާން، ކިރިގިސްތާން އަދި ތަޖިކިސްތާނުގެ ޓީމު ވާދަކުރިއެވެ. މުބާރާތް ކުރިއަށްދަނީ ސެޕްޓެމްބަރު މަހުގެ 6 އިން 11 އަށެވެ.

ކުޅިވަރުގެ ދާއިރާ ތަރައްޤީކޮށް އާއުސްމިންތަކަކަށް ގެންދިއުމަކީ މިސަރުކާރުގެ އަމާޒެކެވެ.