އުފެއްދުންތެރި އަދި ދެމެހެއްޓެނިވި މެނޭޖްމަންޓް އުސޫލުތައް ތަޢާރަފުކުރުމަށް އިތުރު ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް ތަކުގެ މުހިއްމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ފާހަގަކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ފާހަގަކުރެއްވީ، ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ޗޮގަމް) ގެ ބިޒްނަސް ފޯރަމްގައި ބޭއްވި "ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވްގެ ސީ.އީ.އޯ-ލީޑަރ" އިވެންޓްގައެވެ.
މި އިވެންޓުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޮމަންވެލްތުގެ އިސްވެރިޔާ، އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނައާއި ބައްދަލުކުރައްވާފައެވެ.
ގުދުރަތީ ޙައްލުތަކާއި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީ.ޕީ.ޕީ) ތަކާބެހޭ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އަމިއްލަ ވިޔަފާރިތަކުގެ ދައުރު ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްކަން ދެއްވާ މިންވަރު ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން ވަކާލާތުކުރުމަކީ އަބަދުވެސް ދިވެހިރާއްޖޭގެ އެޖެންޑާގައި ވަރަށް މަތީ ދަރަޖައެއްގައި ހިމެނިފައިވާ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކުން އަމިއްލަ ވިޔަފާރިތަކުން މާލީ ވަސީލަތްތަކާއި ޓެކްނިކަލް ތަޖުރިބާ ހޯދައި، ސަރުކާރުގެ މަސައްކަތްތަކަށް އެހީތެރިވެދޭނެކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނައިގެ ޙާޟިރުގައި ކުރިއަށްދިޔަ މަތީ ފަންތީގެ، ސީ.އީ.އޯ އަދި ކޮމަންވެލްތު ލީޑަރ އިވެންޓު އިންތިޒާމުކުރީ ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވްއިންނެވެ. ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް އުފެއްދެވީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޕްރިންސް އޮފް ވޭލްސްގެ މަޤާމުގައި ހުންނެވިއިރުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސަމޯއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން