ދަރިންނަކީ ٱللَّٰه ސުބްޙަނަހޫ ވަތާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ އަމާނާތެކެވެ. ދަރިންނާއި ދޭތެރޭގައި ރަނގަޅަށް ހަމަހަމަކޮށް ކަންތައް ކުރުން އެއީ އިސްލާމް ދީނުގައި ވަރަށްް ބާރުއަޅާފައިވާ ކަމެކެވެ. ދަރިންނަށް ރުޅި އިސް

ކުރުމާއި، ބާރަށް އަދި ހަޑި ހުތުރުކޮށް ވާހަކަ ދެއްކުން އެއީ އެއްގޮތަކަށްވެސް ކޮއްގެން ވާނެ ކަމެއް ނޫނެވެ. ކިތަންމެ ބޮޑުވެފައި ތިއްބަސް ވެސް ދަރިން ވަނީ ދަރިންނަށެވެ.

ތުއްތު ދަރިންނާއި ދިމާލަށް އަބަދު ހަޅޭއް ލަވާ ބާރަށް ވާހަކަ ދައްކާނަމަ އެކުދިން ބޮޑުވަމުން އަންނަ އިރު އޭގެ ސަބަބުން އެތައް ކަމަކާއި ކުރިމަތި ލާން ޖެހެއެވެ. މައިން ބަފައިންނަކީކުދިންނަށް ރައްކާތެރި ކަމާއި ހިމާޔަތް ދޭ ބަޔަކަށް ވާން ޖެހެއެވެ. އަބަދު ކުއްޖާއާއި ދިމާލަށް ހަޅޭއް ލަވާ، ރުޅި އައިސްގެން އެއްޗެހި ކިޔާ ހަދާނަމަ އެކުދިންނަށް އެއްވެސް ރައްކާތެރި ކަމެއްއިހުސާސެއް ނުކުރެވޭނެއެވެ.  އަދި މިހެން ކަންތައް ކުރާ ނަމަ އެއީ ކުއްޖާޔަށް ދެވޭ ނަފްސާނީ އަނިޔާއެކެވެ. ވެވޭ އިހުމާލެކެވެ.

ކުދިން ބޮޑުވަމުން އަންނަ އިރު އަބަދު ހަޅޭއްލަވާ އެއްޗެހި ކިޔާނަމަ ޅައުމުރަކުން ފެށިގެންް ޑިޕްރެޝަން އަދި އެންޒައިޓީ ފަދަ ނަފްސާނީ ބަލިތައް ކުދިން ތަހަންމަލް ކުރަން ޖެހެއެވެ. މީގެއިތުރުން ކުއްޖާގެ އަމިއްލަ ނަފްސާއި މެދު އޮންނަ އިތުބާރު ގެއްލި، އެހެން މީހުންނާއި ގުޅިގެން އުޅުމަށް ދަތިވެއެވެ. މިގޮތަށް ބޮޑުވާ ގިނަ ކުދިން ވަކި އުމުރަކުން މައިން ބަފައިންނާއި އޮންނަގުޅުން ކުޑަވެ، ބޭރު ތެރޭގައި ހޭދަ ކުރާ ވަގުތު ގިނަވެ ނުބައި މަގަކުން ގޮސްދާނެ ފުރުސަތު ބޮޑެވެ. ގޭތެރެން ކުދިންނަށް ނުލިބޭ ރައްކާތެރި ކަމާއި ހިމާޔަތް ބޭރު ތެރެއިން ހޯދަން މަސައްކަތްކުރުން އެކަށީގެންވެއެވެ. މީ ހަމަ އެކަނި ތުއްތު ކުދިންްގެ ވާހަކައެއް ނޫނެވެ. ބޮޑުވެފައި ތިބޭ ދަރިންނަށް ވެސް މިކަހަލަ އެތައް ނޭދެވޭ އަސަރުތައް ކުރެއެވެ.

ބޮޑެތިވެފައިވާ ދަރިންނަށް އަބަދު ހަޅޭއްލަވާ އެއްޗެހި ގޮވާ ނަމަ އެކުދިން މައިންބަފައިންނަށް ކުރާ އިތުބާރާއި އިހްތިރާމް ގެއްލި ދެއެވެ. މައިންބަފައިން ދެކެ ފޫހިވެއެވެ. ދިރިއުޅުމުގައި ދިމާވާކަންކަމުގެ ތެރެއިން ހިއްސާ ކޮއްލަން ބޭނުންވާ ކަންކަން ހިއްސާ ކުރުމަށް ފަސް ޖެހެއެވެ. އެކަނިވެރި ކަމާއި މާޔޫސްކަން އިހުސާސް ކުރެވެއެވެ. އަދި އަމިއްލަ ދަރިން ލިބުމުން އެކުދިން ބޮޑުކުރާ ގޮތަށް އަސަރު ކުރެއެވެ.

ދަރިންނާއި ދިމާލަށް ހަޅޭއް ލެވުމުގެ އިތުރުން ދަރިންގެ މެދުގައި ތަފާތު ކުރުން ގެންގުޅުމަކީވެސް ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ. ދަރިންގެ މެދުގައި ތަފާތުކުރުމުން ކުއްޖާ ބާކިވެ އެކަނިވެރިވެއެވެ. އެއްބަނޑު އެއްބަފާ ކުދުންގެ މެދުގައި ވާދަ ވެރި ކަމާއި، ރުޅިވެރި ކަމާއި ހަސަދަވެރިކަން އުފެދެއެވެ. މީގެ ސަބަބުން ގޭތެރޭގެ ހަމަޖެހުމާއި އެއްބައިވަންތަ ކަން ގެއްލި ދާނެއެވެ. ދަރިންގެމެދުގައި ތަފާތު ކުރާނަމަ އެއީ މައިން ބަފައިން އަމިއްލަޔަށް އާއިލާ ހަލާކު ކޮއްލުންފަދަ ކަމެކެވެ.

ދަރިން ހެޔޮ ގޮތުގައި ބޮޑުކުރުން އެއީ މައިންބަފައިންގެ އެންމެ ބޮޑު ޒިންމާއެވެ. ދަރިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް ސަމާލުކަން ދީގެން އެދަރިންނަކީ ބޮޑެތި ވެގެން މުޖުތަމައުއަށް ފައިދާ ހުރި ސޯލިހު ކުދިން ކަމުގައި ހެދުމަށް ގަދަ އަޅާ މަސައްކަތް ކުރަން ވާނެއެވެ. މި ޒަމާނަކީ އަތުގައި އޮންނަ ފޯނުން ހުރިހާ މައުލޫމާތެއް ހޯދޭ ޒަމާނެވެ. ކުރިޔަށް ވުރެއްމީހުން ހޭލުންތެރި ޒަމާނެކެވެ. ރުޅިގަދަވެ ބާރަށް އެއްޗެހި ބުނެވޭ ނަމަ އެއަށް ހައްލު ހޯދަން މަސައްކަތް ކޮށް ވީހާވެސް ދަރިންނާއި ދިމާލައް އެއްޗެހި ނުކިޔާ ރުޅި އިސް ނުކުރާށެވެ.