އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި އައްޑޫ ސިޓީ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީން ގުޅިގެން، އައްޑޫ ސިޓީގައި "ފަހެލި ކަސްރަތު ޕްރޮގްރާމް" ނަމުގައި ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ޖަނަވަރީ 15 އިން ފެބްރުވަރީ 15 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫގެ އަންހެނުން ހިމެނޭހެން 53 ފަރާތަކުން ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ފެބްރުވަރީ 22 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ، ޢަލީ ނިޒާރެވެ. އަދި، ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދެވެ.

ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ހަވާލުކުރި ވަނަތަކުގެ ތެރޭގައި، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫން، ކޮންމެ ރަށަކުންވެސް ބެސްޓް މޯޓިވޭޓަރގެ އިތުރުން 1 ވަނަ، 2 ވަނަ، އަދި 3 ވަނަ ހިމެނެއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ބައެއް ސްޓާފް އޮފިސަރުންނާއި، އެ ކޮމާންޑުގެ ސާޖަންޓް މޭޖަރ، ސާޖަންޓް މޭޖަރ މުޙައްމަދު އަޙްމަދުގެ އިތުރުން އައްޑޫ ސިޓީ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީގެ އިސްމެންބަރުންނާއި، ޕްރޮގްރާމްގައި ކިޔަވައިދެއްވި އެމްއެންޑީއެފް ސަދަން އޭރިއާގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.

އެމްއެންޑީއެފުން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަކީ، މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް ސިފައިން ހިންގާ މަދަނީ ހަރަކާތްތަކުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.