ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި މީދޫ ޕޮލިސް ސްޓޭޝަން އަދި ފައިނު ކައުންސިލު ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފައިނުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 22 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ރަނގަޅު ގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރުމަށާއި މަކަރާއި ހީލަތުގެ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތްތަކުގެ މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، އެއްގަމު އުޅަނދު ދުއްވުމުގައި ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ބިދޭސީން ގެންގުޅޭ މީހުން، އެ މީހުން ގެންގުޅުމުގައި ގަވާއިދާ އެއްގޮތައް ލިޔެކިޔުންތައް ފުރިހަމަކޮށް ބެލެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އަދި ރައްޔިތުންގެ ލާބަޔާ މަންފާއަށް ކައުންސިލުން ކުރަމުންދާ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. ފުލުހުންގެ ފަރާތުންނާއި ކައުންސިލުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދީފައިވާ މައުލޫމާތު ތަކަކީ ވަރަށް ބޭނުންތެރި މުހިންމު މައުލޫމާތު ތަކެއްކަމުގައި ރައްޔިތުން ފާހަގަކޮށްފައިވެއެވެ.

މި ޕްރޮގްރާމްގައި، ފައިނުގެ ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.