ނ. އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒުކޮށް ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ނ. އަތޮޅު ފުލުހުން ފަށައިފިއެވެ.

މި މަހު 25 ވަނަ ދުވަހު މި ޕްރޮގްރާމް ފަށާފައިވަނީ ހެނބަދޫ އިންނެވެ. މި ޕްރޮގްރާމްގައި، އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށްކުރާ އެކި ކަންކަމާއި އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތް އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތްތައް ބުނެދީފައިވެއެވެ.

އަދި މީސްމީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތަކަށް ސަމާލުވެ ރައްކާތެރިވުމަށާއި ޒާތީ މައުލޫމާތާއި ބެންކު އެކައުންޓުގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު އެހެން މީހަކާ ހިއްސާ ނުކުރުމަށާއި އެކަންކަމުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމްގައި ހެނބަދޫގެ 76 ގޭބިސީއާއި ރަށުގެ ހުރިހާ ފިހާރަ، ސައިހޮޓާ، ކެފޭ އަދި ރެސްޓޯރަންޓުތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމްގައި، ހެނބަދޫ ޕޮލިސް ޕޯސްޓު، ލަންދޫ ޕޮލިސް ސްޓޭޝަން، މާފަރު ޕޮލިސް ސްޓޭޝަން އަދި މަނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެއެވެ.