ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޕެރޫ ބަލިކޮށް ބްރެޒިލުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުން ބްރެޒިލް މޮޅުވީ 1-0 އިންނެވެ.

މިއީ ކޮޕާ އެމެރިކާގެ ތާރީޚުގައި މި ދެ ޓީމު ސެމީގައި ބައްދަލުކުރި ތިންވަނަ ފަހަރެވެ. މީގެތެރެއިން، ދެ ފަހަރު ބްރެޒިލް މޮޅުވިއިރު ޕެރޫ މޮޅުވީ އެއް ފަހަރު އެވެ. މީގެއިތުރުން، ރޭގެ މެޗުން ހޯދީ މޮޅާއެކު ބްރެޒިލްގެ ކޯޗު ޓީޓޭ ވަނީ ކުރީގެ ކޯޗު މާރިއޯ ޒަގަލޯ މި މުބާރާތުގައި ބަލިނުވެ ދަމަހައްޓަމުންއައި ރެކޯޑާ އެއްވަރުކޮށްފައެވެ. ޓީޓޭގެ އިރުޝާދުގެ ދަށުން ބްރެޒިލުން މި މުބާރާތުގައި ކުޅުނު 12 މެޗުން ބަލިވެފައެއްނުވެއެވެ. އޭގެތެރެއިން، ނުވަ މެޗުން މޮޅުވިއިރު ތިން މެޗުން ވީ އެއްވަރެވެ.

ރިއޯ ޑީ ޖެނެއިރޯގައި ހުންނަ އެސްޓާޑިއޯ އޮލިމްޕިކޯ ނިލްޓަން ސަންޓޯސްގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު ބްރެޒިލަށް ލީޑްނަގައިދޭން ރިޗާލިސަން އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، ފުރަތަމަ ހާފުގައި ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އާއި ނޭމާގެ އިތުރުން ރިޗާލިސަން ފޮނުވާލި ހަމަލާތައް ޕެރޫގެ ކީޕަރު ޕެޑްރޯ ގަލޭސޭ ހުއްޓުވިއެވެ.

އެކަމަކު، މެޗުގެ 35 ވަނަ މިނެޓުގައި ޕެރޫގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ބްރެޒިލްގެ ތަރި ނޭމާ ހުސްކޮށްލާފައި ދިން ބޯޅައަކުން ލޫކަސް ޕަކޭޓާ އެ ޓީމަށް ލީޑްނަގައިދިންއިރު ޕެރޫގެ ކީޕަރު ގަލޭސޭ އަށް މާބޮޑު ކަމެއް ނުކުރެވުނެވެ. މިއީ މި މުބާރާތުގައި ބްރެޒިލް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޕަކޭޓާ ޖެހި ދެވަނަ ލަނޑެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ޕެރޫގެ ޖިއަންލޫކާ ލަޕަޑިއުލާ ފޮނުވާލި ބޯޅަ ބްރެޒިލްގެ ކީޕަރު އެޑަސަން މޮރައެސް މަތަކުރިއިރު، ޕެނަލްޓީއޭރިޔާ ބޭރުން އެ ޓީމުގެ ރަޒިއެލް ގާސިއާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އޭގެފަހުން، މެޗުގެ 60 ވަނަ މިނެޓުގައި ގާސިއާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ބްރެޒިލްގެ ކީޕަރު އެޑަސަން އެވެ. ބްރެޒިލްގެ ލީޑް އިތުރަށް ފުޅާކުރުމަށް އެވަޓަން ސޮއަރޭސް އާއި ނޭމާ އަށް ލިބުނު ފުރުޞަތުތަކުގައި ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.

ކޮޕާ އެމެރިކާގެ ފައިނަލްގައި ބްރެޒިލް ކުޅެން ޖެހޭނީ މިރޭ ކޮލަމްބިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖުލައި 11 ވާ އާދީއްތަ ދުވަހު ރާއްޖޭގަޑިން ފަތިހު 5 ޖަހާއިރު އެވެ.