އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިރޭ މަހިބަދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން 5-5 އިން އެއްވަރުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ މި މުބާރާތުގައި ނިއު އެންމެ ފަހުން ކުޅުނު ދެ މެޗުގެ ތެރެއިން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ދެވަނަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން އެލްޓީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-2 އިންނެވެ.
މިރޭގެ ނަތީޖާއާއެކު ތާވަލްގެ އެއްވަނައިގައި އޮތް ކްލަބް ޓީނޭޖާއި ދެވަނައިގައި އޮތް ނިއުގެ އިތުރުން ތިންވަނައިގައި އޮތް އެލްޓީ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. ޓީނޭޖަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ޓީނޭޖަށް ފައިދާ 15 ގޯލް އޮތްއިރު، ނިއުގެ އޮތީ 11 ގޯލެވެ. އަދި އެލްޓީ އަށް ލިބިފައިވަނީ 8 ގޯލެވެ. ހަތަރުވަނައިގައި އޮތް ވިކްޓްރީ ސްޕޯޓްސް ކްލަބަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބީޖީ ސްޕޯޓްސް އޮތީ ހަތް ޕޮއިންޓާއެކު ފަސްވަނައިގައެވެ. ހަ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު މަހިބަދޫ އޮތީ ހަވަނައިގައެވެ. އެންމެ ފުލުގައި އޮތް ލޮރެންޒޯ ސްޕޯޓްސް ކްލަބު ނިންމާލީ ހަ މެޗުން ޕޮއިންޓެއް ނުލިބިއެވެ.
ނިއުއާ ދެކޮޅަށް މިރޭ މަހިބަދޫ ކުޅުނު މެޗަކީ މި މަހުގެ އެއްވަނަ ދުވަހު ކުޅުމަށް ތާވަލް ކުރެވިފައި އޮތް މެޗެކެވެ. އެ ދުވަހުގެ މެޗު ފަސްކުރަން ޖެހުނީ މާލޭ ސަރަހައްދަށް ކުރި ވިއްސާރައިގެ ސަބަބުން މަހިބަދޫ ޓީމަށް މެޗު ކުޅެން މާލެ އަށް ދަތުރުނުކުރެވިގެންނެވެ. އަދި އޭގެފަހުން، އެ މެޗު ކުޅުމަށް މިއަދު ހަވީރަށް ތާވަލްކުރެވިފައިވަނިކޮށް މާލެ އަށް މިއަދު ބޯކޮށް ވާރޭ ވެހި، ގަލޮޅު ދަނޑުގައި ފެންހެދިފައިވާތީވެ، މިރެ އަށް ފަސްކުރީ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ 30 މިނެޓުގެ ތެރޭގައި ނިއު އިން ވަނީ ތިން ލަނޑުގެ ލީޑެއްނަގާފައެވެ. ނިއު އިން ލީޑްނެގީ މެޗު ފެށިތާ 46 ސިކުންތުގެ ތެރޭގައި މަހިބަދޫގެ މުހައްމަދު އައިހަމް އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. އޭގެފަހުން، މެޗުގެ 10 ވަނަ މިނެޓުގައި ނިއުގެ ދެވަނަ ލަނޑު، ތޯރިކް ޖެބްރިން ކާމިޔާބުކޮށްދީފައިވަނިކޮށް، މެޗުގެ 29 އާއި 43 ވަނަ މިނެޓުގައި ގާނާގެ ފޯވާޑް ކޯފީ އޮވޫސޫ ވައްދާލި ލަނޑުތަކާއެކު އެ ޓީމުން ހާފު ނިންމާލީ 4-0 އިން ކުރީގަ އޮވެގެންނެވެ.
![](https://theeru.s3.ap-south-1.amazonaws.com/tinymce/xlcsmwe-9SLUzQ3XzNHqa.jpg)
ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ނިއުގެ ފަސްވަނަ ލަނޑުޖެހީ އުޒްބެކިސްތާނުގެ މިޑްފީލްޑަރު ފަރޫކް ހައިދަރޯފް އެވެ. ނިއު އިން ފަސް ލަނޑުގެ ލީޑެއް ނެގުމާއެކު ކޯޗު ސޮބާހު މުހައްމަދު ވަނީ އާދަމް ޝަހީމް އާއި މުހައްމަދު ލިޔާހުގެ ބަދަލުގައި އަލީ އަޒުމީ އަދި ސޮލާހު ހަސަން ކުޅެން އަރުވާފައެވެ.
ނިއު އިން މި ބަދަލުތައް ގެނައިތާ މާގިނައިރެއް ނުވަނީސް، މި މެޗުގައި މަހިބަދޫ އިން ޖެހި ފުރަތަމަ ލަނޑު، 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާދަމް ފަހުމާން އެވެ. އަދި އޭގެފަހުން، މެޗުގެ ފަހު 20 މިނެޓަށް ނިއުގެ މެދުތެރޭގެ މައިތަނބު ކަމަށްވާ ހައިދަރޯފްގެ ބަދަލުގައި އެޓޭކިން ކުޅުންތެރިއެއް ކަމަށްވާ ކުރީން ބީޖީ އާއި ވެލެންސިއާގެ ފޯވާޑްލައިން އިން ފެނިގެންދިޔަ އިބްރާހިމް ހަމްދާން ކުޅެން ނެރެފައިވަނިކޮށް، މަހިބަދޫ ޓީމުން ވަނީ ހަ މިނެޓުގެ ތެރޭގައި ތިން ލަނޑުޖަހައި، ނިއު ސިއްސުވާލައިފައެވެ.
މަހިބަދޫގެ ދެވަނަ ލަނޑު، މެޗު ނިމެން 14 މިނެޓަށްވެފައިވަނިކޮށް ފަހުމާން ކާމިޔާބުކުރިއިރު އޭގެ މިނެޓެއްފަހުން އޭނާ ވަނީ އިތުރު ލަނޑެއްޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ 82 ވަނަ މިނެޓުގައި މަހިބަދޫގެ ހަތަރުވަނަ ލަނޑުޖެހީ އިބްރާހިމް ޝާތިރެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި އަލީ ޝާލިމް ވައްދާލި ލަނޑާއެކު މަހިބަދޫ އިން ވަނީ ފަހަތުންއަރައި ނިއުއާ އެއްވަރުކޮށްފައެވެ.
މުބާރާތުގެ ފުރަތަމަ ސެމީގައި ނިއު ނިކުންނަންޖެހެނީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗު އޮންނާނީ މި މަހުގެ 14 ވާ އާދީއްތަ ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު އެވެ. އަދި ދެވަނަ ސެމީގައި އެރޭ 8 ޖަހާއިރު ބައްދަލުކުރާނީ ގްރޫޕް ދޭތްގެ އެއްވަނަ ޓީމު ކަމަށްވާ ޓީނޭޖާއި ގްރޫޕް އެކެއްގެ ދެވަނަ އަށް ހޮވުނު ކުޑަ ހެންވޭރު ޔުނައިޓެޑެވެ. އަދި އެއަށްފަހު ސެމީގެ ދެ މެޗުން މޮޅުވާ ދެ ޓީމުގެ މެދުގައި ކުޅޭ ފައިނަލް މެޗު އޮންނާނީ މި މަހުގެ 17 ވާ ބުދަ ދުވަހުގެ ހަވީރެވެ. މި ތިން މެޗު ވެސް ކުޅޭނީ ގަލޮޅު ދަނޑުގައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން