ހދ. ކުޅުދުއްފުށީ ޒިގްޒެގް ޖަމްޢިއްޔާއިން ކުޅުދުއްފުށީގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ފެށުން ކުލަބް ކޭ.އާރު.އެޗާއި ކުޅުދުއްފުށި ޕޮލިސް ކުލަބުން ރަނގަޅުކޮށްފިއެވެ.

ރޭ ކުޅުދުއްފުށީ ފުޓްސަލް އެރީނާގައި ފެށުނު މި މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅުދުއްފުށި ޕޯޓް ރެކްރިއޭޝަން ކުލަބާ ވާދަކޮށް ކުލަބު ކޭ.އާރު.އެޗް (ހޮސްޕިޓަލް) ކާމިޔާބު ކުރީ 2-0 އިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ފެނިފައިވަނީ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމެއްގައެވެ. މި ލަނޑުޖަހާފައިވަނީ މެޗުގައި މޮޅު ކުޅުމެއްދައްކައި މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ކުލަބު ކޭ.އާރު.އެޗުގެ އަހުމަދު ދާވޫދު (ޖާރޒީ ނަމްބަރ: 7) އެވެ. ދެވަނަ ލަނޑަކީ ހޮސްޕިޓަލުން އުފެއްދި ހަމަލާއެއް ދިފާޢުކުރުމުގެ ތެރެއިން ކޭ.ޕީ.އާރު.ސީގެ އަބޫބަކުރު އަލީ (ޖާރޒީ ނަމްބަރ: 21) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ދެވަނަ މެޗުގައި ކުޅުދުއްފުށީ ޕޮލިސް ވަނީ ހދ.އޭ.އީ.ސީ ކައިރިން ފަސޭހަކަމާއެކު 9-0 އިން މޮޅުވެފައެވެ. މި މެޗުގައި ޕޮލިސް ޓީމުގެ މުޙައްމަދު ހުސާމް (ޖާރޒީ ނަމްބަރ: 10) 4 ލަނޑު ޖެހިއިރު، ހުސައިން މުޙައްމަދު (ޖާރޒީ ނަމްބަރ: 17) 2 ލަނޑު، ހުސައިން މޫސާ (ޖާރޒީ ނަމްބަރ: 11) 2 ލަނޑު އަދި އަހުމަދު އާސިމްވަނީ ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ޓީމުގެ މުޙައްމަދު ހުސާމެވެ.

ތިން ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތަކީ ޒިގްޒެގުން ބާއްވާ މިފަދަ 9 ވަނަ މުބާރާތެވެ. ގުރޫޕް އޭގައި ކުޅުދުއްފުށީ ޕޯޓް ރެކްރިއޭޝަން ކުލަބް، ކުޅުދުއްފުށި ޕޮލިސް ކުލަބު، ހޮސްޕިޓަލް އަދި އޭ.އީ.ސީ އޮތްއިރު، ގުރޫޕް ބީގައި ހިމެނެނީ ދިރާގު، އަފީފުއްދީން ސުކޫލް، އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑާއި ކުޅުދުއްފުށި ސިޓީ ކައުންސިލެވެ. ގުރޫޕް ސީގައި ހިމެނެނީ އުރީދޫ، އެސް.ޓީ.އޯ އާއި ކަސްޓަމްސް ރެކްރިއޭޝަން ކުލަބެވެ. 

މި އަހަރުގެ މުބާރާތުގެ އެކްސްކުލޫޒިވް ޕާޓްނަރަކީ އެސް.ޓީ.އޯ އެވެ. އަދި ބޭންކިންގ ޕާޓްނަރުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގު، ޕްރިންޓިންގ ޕާޓްނަރުގެ ގޮތުގައި ޑަބްލިއު ކްރާފްޓް، ކޭޓަރިންގ ޕާޓްނަރުންގެ ގޮތުގައި ކާނިވަލް އަދި އޮރެންޖް ޑެކް، އޮންލައިން ޕާޓްނަރުންގެ ގޮތުގައި ވަގުތު އަދި ޚަބަރު އޮންލައިން ހިމެނެއެވެ. އަދި ބްރޯޑްކާސްޓިންގ ޕާޓްނަރަކީ ޔެސް ޓީވީއެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖް މެޗްތައް ޔެސް ޓީވީގެ އެހީތެރިކަމާއެކު ޒިގްޒެގް ފޭސްބުކް ޕޭޖުން ލައިވްކުރާއިރު ނޮކައުޓް މެޗުތައް ޔެސް ޓީވީން ލައިވް ކުރާނެކަމަށް ޒިގްޒެގުން މަޢުލޫމާތުދެއެވެ. އަދި މި އަހަރު މުބާރާތުގެ އިޖްތިމާޢީ ހަރަކާތެއްގެ ގޮތުގައި "ފަލަސްޠީނާއެކު" މި ޝިޔާރު ދަނީ ބޭނުންކުރަމުންނެވެ. މުބާރާތް ކުރިޔަށްދާނީ 27 އޮކްޓޯބަރ އިން ފެށިގެން 8 ނޮވެމްބަރުގެ ނިޔަލަށެވެ.