ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން މުޅިން އަލަށް ބާއްވާ މުބާރާތެއް ކަމަށްވާ، އެއްވަނަ ކެރަމް ކޮމިއުނިޓީ ޝީލްޑް އިއްޔެ ފަށައިފިއެވެ.
މި އޮކްޓޫބަރު މަހުގެ 27 އިން ނޮވެންބަރު މަހުގެ 3 ނިޔަލަށް ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި އަންހެން އަދި ފިރިހެން ބައިގައި ޑަބަލްސް އާއި ސިންގަލްސް އިވެންޓް ކުޅުމަށް ހަމަޖެހިފައިވެއެވެ.
އެގޮތުން، މި މުބާރާތުގައި މިހާރު ކުރިއަށްދާ އަންހެން ޑަބަލްސް އިވެންޓްގައި 12 ކުޅުންތެރިން ވާދަކޮށްފައިވާއިރު، ފިރިހެނުންގެ ޑަބަލްސް އިވެންޓްގައި 38 ކުޅުންތެރިން ވާދަކުރެއެވެ.
އިއްޔެ ކުރިއަށްދިޔަ އަންހެން ޑަބަލްސް އިވެންޓްގެ މެޗުތަކަށްފަހު ޗެމްޕިއަންކަން ހޯދީ އައިމިނަތު ވިދާދް އާއި އައިޝަތު ނަހުފާގެ ޕެއާ އެވެ. ވިދާދް އާއި ނަހުފާގެ ޕެއާ ވަނީ ރޭ ކުޅުނު ފައިނަލްގައި 21-18، 25-10 އިން އައިޝަތު ފައިނާޒް އާއި އާމިނަތު ވިޝާމާގެ ޕެއާ ބަލިކޮށްފައެވެ. އެންމެ ފަހުން ކުޅުނު ގައުމީ ކެރަމް މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަނުންނަކީ ވެސް ވިދާދް އާއި ނަހުފާގެ ޕެއާ އެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު ފިރިހެން ޑަބަލްސް އިވެންޓްގެ މެޗުތަކަށްފަހު ކުއާޓާ ފައިނަލްގައި ވާދަކުރާ ޕެއާތައް ވަނީ ކަށަވަރުވެފައެވެ. މިއަދު ކުރިއަށްދާނީ ފިރިހެން ޑަބަލްސް އަދި އަންހެން ސިންގަލްސް އިވެންޓްގެ މެޗުތަކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން