ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިޔަށްދާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓްގައި ފަސޭހަކަމާއެކު އަފީފުއްދީން މައްޗަށް ދިރާގުން ކުރި ހޯދައިފިއެވެ.
އަފީފުއްދީން ސުކޫލާއި ދިރާގު ބައްދަލުކުރި މި މެޗު ދިރާގުން ކާމިޔާބުކުރީ 8-0 ންނެވެ. މި މެޗުގައި، މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އިބުރާހިމް ރިމާހް 4 ލަނޑު ޖެހިއިރު، މުޙައްމަދު ރިފާއު، މުޙައްމަދު ޝަނީޒް، އީޤާން އަބްދުލްމަޖީދާއި އަބްދުލް ޙަންނާން މުޙައްމަދު ވަނީ ލަނޑު ޖަހާފައެވެ.
ރޭ ކުޅެވުނު ދެވަނަ މެޗުގައި އުރީދޫ އަދި އެސް.ޓީ.އޯ ބައްދަލުކުރި މެޗު ނިމުނީ 3-3 ން އެއްވަރުވެގެންނެވެ. ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލީޑު ނަގައި ލީޑު ފުޅާކުރީ އުރީދޫއިންނެވެ. ފުރަތަމަ ހާފު ނިމުނީ ހުސައިން ޝަރީފްގެ ދެ ލަނޑުން އުރީދޫ ކުރީގައި އޮވެގެންނެވެ. ނަމަވެސް، ދެވަނަ ހާފު ފެށިތާ މާގިނައިރެއްނުވެ އެސް.ޓީ.އޯގެ އަލީ ސިނާހު އާއި އަހުމަދު މުޙައްމަދުގެ ލަނޑުތަކުން ނަތީޖާ ހަމަހަމަވިއެވެ. ދެވަނަ ފަހަރަށް އުރީދޫއިން މެޗުގެ ލީޑު ނެގީ 30 ވަނަ މިނެޓުގައި ޖުމައިލް ޖަމީލް ޖެހި ލަނޑުންނެވެ. އެ ނަތީޖާއާއެކީ މެޗު ނިމެންދަނިކޮށް ނަތީޖާ ހަމަހަމަކުރީ 39 ވަނަ މިނެޓުގައި ހަސަން މުޙައްމަދު ޖެހި ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެސް.ޓީ.އޯގެ ހަސަން މުޙައްމަދެވެ.
ރޭ ކުޅެވުނު ތިންވަނަ މެޗުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެމް.އެން.ޑީ.އެފް ބައްދަލުކުރި މެޗު 4-1 ން ކާމިޔާބުކުރީ އެމް.އެން.ޑީ.އެފް އެވެ. އެމް.އެން.ޑީ.އެފްގެ ތައުމީން ނޫޙް 2 ލަނޑު ޖެހިއިރު އަނެއް ދެ ލަނޑު ޖަހައިދިނީ ހުސައިން ހާފިޒާއި އަހުމަދު އަލީއެވެ. ސިޓީ ކައުންސިލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުޙައްމަދު ސައުދެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމް.އެން.ޑީ.އެފްގެ ތައުމީން ނޫހެވެ.
މި މުބާރާތުގެ 2 މެޗެއް މިރޭވެސް ކުޅެވޭނެއެވެ. ފުރަތަމަ މެޗުގައި ގުރޫޕް އޭގެ ކުޅުދުއްފުށި ޕޯޓް ރެކްރިއޭޝަން ކުލަބާއި ކުލަބު ކޭ.ސީ.ޕީ (ކުޅުދުއްފުށި ޕޮލިސް ކުލަބު) ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ކުލަބު ކޭ.އާރު.އެޗް (ހޮސްޕިޓަލް) ވާދަކުރާނީ ޓީމް އޭ.އީ.ސީ އާއިއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން