މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑްކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވިރާތު ކޯލީ ހެދި ރެކޯޑް ސައްތަ އާއެކު ނިއު ޒީލެންޑް ބަލިކޮށް، އިންޑިއާ އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

އިންޑިއާ އިން މި މެޗު ކާމިޔާބުކުރި 70 ލަނޑުގެ ތަފާތަކުންނެވެ.

މިއީ ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލަށް އިންޑިއާ ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. އަދި މިއީ އައިސީސީ އިވެންޓެއްގެ ނޮކްއައުޓް ބުރުގައި ނިއު ޒީލެންޑްއާ ދެކޮޅަށް އިންޑިއާ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ.

މުމްބާއީގައި ހުންނަ ވަންކެޑޭ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އިންޑިއާ އިން ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި ހަތަރު ވިކެޓަށް ވަނީ 397 ލަނޑުހަދައިފައެވެ.

ނިއު ޒީލެންޑްއާ ދެކޮޅަށް އިންޑިއާގެ ވިރާތު ކޯލީ (ކ) ބެޓްކުރަނީ. --ފޮޓޯ: އޭޕީ

މި އިނިންގްސްގައި އިންޑިއާ އިން އެންމެ މޮޅަށް ކުޅުނު ޝްރެޔަސް އަޔަރް އާއި ވިރާތު ކޯލީ ވަނީ ސެންޗަރީއެއް ހަދައިފައެވެ. ވިރާތު ކޯލީ ވަނީ 113 ބޯޅައިން 117 ލަނޑު ހަދައިފައެވެ. މިއީ އެއްދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓްގައި އޭނާގެ 50 ވަނަ ސައްތަ އެވެ. މިއީ ރެކޯޑެކެވެ. ކުރިން މި ރެކޯޑް އޮތީ ކްރިކެޓް ލެޖެންޑް، ސަޗިން ޓެންޑުލްކާ އަތުގައެވެ. އެއީ 49 ސައްތަ އާއެކުއެވެ. ވިރާތު ކޯލީ، މި ރެކޯޑާ އެއްވަރުކުރީ ވެސް މި ފަހަރުގެ މުބާރާތުގައެވެ. އޭނާ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ހަތަރު ސެންޗަރީ ހަދައިފައެވެ.

އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނު ޝްރެޔަސް އަޔަރް ވަނީ 70 ބޯޅައިން 105 ލަނޑު ހަދައިފައެވެ. މިއީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި އޭނާގެ ފަރާތުން ފެނިގެންދިޔަ ދެވަނަ ސެންޗަރީ އެވެ. އިންޑިއާ އެންމެ ފަހުން ނެދަލެންޑްސްއާ ބައްދަލުކުރި މެޗުގައި ވެސް ޝްރެޔަސް އަޔަރް ވަނީ ސެންޗަރީ ހަދައިފައެވެ. ނިއު ޒީލެންޑްގެ ޓިމް ސައުތީ ވަނީ ތިން ވިކެޓްނަގައިފައެވެ.

ޖަވާބުގައި ކުޅެން އެރި ނިއު ޒީލެންޑްގެ ފުރަތަމަ ދެ ވިކެޓް ގެއްލުނީ ސްކޯ ބޯޑުގައި އެންމެ 39 ލަނޑު އޮއްވަ އެވެ. އިންޑިއާ އަށް މި ދެ ވިކެޓްނަގައިދިނީ ވެސް މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުކުންތެރިޔާ، މުޙައްމަދު ޝާމީ އެވެ. އޭގެފަހުން، ދެން ކުޅެން އެރި ނިއު ޒީލެންޑްގެ ކެޕްޓަން ކޭން ވިލިއަމްސަން އާއި ޑަރީލް މިޗޭލް ގުޅިގެން ތިންވަނަ ވިކެޓަށް ހެދި 181 ލަނޑުގެ ޕާޓްނާޝިޕާއެކު އެ ޓީމުން ކަނޑައެޅިފައިވާ ޓާގެޓް ހާސިލްކުރުމަށް ރަނގަޅު ބިންގަލެއް އެޅިއެވެ.

ނަމަވެސް، މެޗުގެ 32.2 ވަނަ އޯވަރުގައި ވިލިއަމްސަން ނުބައިވުމާއި، ދެން ޖެހިގެންއައި ދެ ބޯޅައިގައި ޓޮމް ލޭތަމް ނުބައިވުމުން އެ ޓީމަށް މައްސަލަތައް ކުރިމަތިވިއެވެ. ވިލިއަމްސަން އާއި ލޭތަމް ނުބައިކޮށްލީ ވެސް އިންޑިއާގެ އުކުންތެރިންގެ ތެރޭގައި މިހާރު އެންމެ ފާހަގަކޮށްލެވޭ ޝާމީ އެވެ. އަދި އޭގެފަހުން، މެޗުގެ 45.2 އޯވަރުގައި ޑަރީލް މިޗޭލް ނުބައިވުމާއެކު ނިއު ޒީލެންޑްގެ ހުރިހާ އުއްމީދެއް ގެއްލުނެވެ. މި ވިކެޓްނެގީ ވެސް ޝާމީ އެވެ.

ނިއު ޒީލެންޑްގެ ކުޅުންތެރިއަކު ނުބައިކޮށްލުމަށްފަހު އިންޑިއާގެ މުޙައްމަދު ޝާމީ އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

މި އިނިންގްސްގައި ނިއު ޒީލެންޑުން އެންމެ މޮޅަށް ކުޅުނީ 119 ބޯޅައިން 134 ލަނޑުހެދި ޑަރީލް މިޗޭލް އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ކެޕްޓަން، ވިލިއަމްސަން ވަނީ 73 ބޯޅައިން 69 ލަނޑުހަދައިފައެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް އުކީ 9.5 އޯވަރުގެ ތެރޭގައި 57 ލަނޑަށް ހަތް ވިކެޓްނެގި ޝާމީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެސް ޝާމީ އެވެ.

ޝާމީ ވަނީ 23 ވިކެޓް ހަމަކޮށް، މި ފަހަރުގެ މުބާރާތުގެ އެންމެ ގިނަ ވިކެޓްނެގި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރިއަށް ޖެހިލައިފައެވެ. މީގެއިތުރުން، ޝަމީ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި މިހާތަނަށް އެންމެ އަވަހަށް 50 ވިކެޓްނެގި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އޭނާ މިއަދަދަށް ވިކެޓް ހަމަކުރީ އެންމެ 17 މެޗުންނެވެ.

މި މުބާރާތުގެ ސެމީގެ ދެވަނަ މެޗުގައި މިއަދު އޮސްޓްރޭލިއާ ބައްދަލުކުރާނީ ދެކުނު އެފްރިކާ އާ އެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން 13:30 ގައެވެ.