ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކަށްފަހު ޑެންމާކާއި އަލްބޭނިއާ އިން އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ކަށަވަރުކޮށްފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން އިޓަލީން ވަނީ އެ މުބާރާތަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފައެވެ.
ޑެންމާކްގެ ދަނޑުގައި އެ ޓީމުން ވަނީ 2-1 އިން ސްލޮވީނިއާ އަތުން މޮޅުވެފައެވެ. މޮލްޑޯވާގެ ދަނޑުގައި އެ ޓީމާ 1-1 އިން އަލްބޭނިއާ އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި އިޓަލީ ވަނީ 5-2 ގެ ނަތީޖާއަކުން އުތުރު މެސެޑޯނިއާ ބަލިކޮށްފައެވެ.
ކޮލިފައިންގެ ގްރޫޕް އީ ގައި ހިމެނޭ އަލްބޭނިއާ އިން ވަނީ ހަތް މެޗުން 14 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ހަތް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، 8 މެޗު ކުޅެގެން ލިބުނު 11 ޕޮއިންޓާއެކު ޕޮލެންޑް އޮތީ ތިނެއްގައެވެ. މޮލްޑޯވާ އަށް ހަތް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ފުލުގައި އޮތް ފެރޯ އައިލެންޑްސް އަށް ހަތް މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ.
މޮލްޑޯވާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 25 ވަނަ މިނެޓުގައި އަލްބޭނިއާ އިން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުން ސޮކޯލް ސިކަލޭޝީ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ޓައުލެންޓް ސެފޭރީ އަށް މޮލްޑޯވާގެ ލޯން-ކެލިން ރެވެންކޯ ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި މެޗުގައި މޮލްޑޯވާ އިން އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބުވާގޮތްވީ، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ވްލަޑީސްލާވް ބަބޮގްލޯ ވައްދާލި ލަނޑުންނެވެ. އޭގެކުރީން، މޮލްޑޯވާގެ ކުޅުންތެރިން ފޮނުވާލި ރަނގަޅު ތިން ހަމަލާއެއް އަލްބޭނިއާގެ ގޯލްކީޕަރު، އެޓްރިޓް ބެރީޝާ ވަނީ މަތަކޮށްފައެވެ.

ގްރޫޕް އީ ގައި ހިމެނޭ ޓީމުތަކުގެ ތެރެއިން، އެންމެ ވަރުގަދަވާނެ ކަމަށް ކުރީން ބެލެވުނު ދެ ޓީމުގެ ކުރިމަތިލުމުގައި ޕޮލެންޑްގެ ދަނޑުގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ޕޮލެންޑްގެ ޖަކުބް ޕިއޮޓްރޯވްސްކީގެ ގޯލުން އެ ޓީމު ލީޑްނަގައިފައިވަނިކޮށް، ފަހު ހާފުގެ ކުރީކޮޅު ޗެކް ރިޕަބްލިކަށް އެއްވަރުކޮށްދިނީ ތޯމަސް ސޫޗެކް އެވެ.
ކޯޕަންހޭގަންގައި ހުންނަ ޕާކެން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް ޑެންމާކުންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ޔޯކިމް މޭލާ އެވެ. ޑެންމާކުން މި ލަނޑުޖެހިތާ ހަތަރު މިނެޓުގެ ތެރޭގައި ސްލޮވީނިއާ އަށް އެއްވަރުކޮށްދިނީ އެރިކް ޖަންޒާ އެވެ. އޭނާ މި ލަނޑުޖެހީ ލިބުނު ހިލޭޖެހުމަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ޑެންމާކުން އަލުން ލީޑްނެގީ ތޯމަސް ޑެލާނޭ ކާމިޔާބުކުރި ގޯލުންނެވެ. މެޗުގެ 54 ވަނަ މިނެޓުގައި ޑެލާނޭ މި ލަނޑުޖެހީ އެ ޓީމުގެ ޑިފެންޑަރު، ޔަނިކް ވެސްޓަގާޑް ބޮލުން ދިން ޕާހަކުންނެވެ.
މި ނަތީޖާއާއެކު ޑެންމާކުން ވަނީ ގްރޫޕް އެޗްގެ އެއްވަނައިގައި ނުވަ މެޗުން 22 ޕޮއިންޓް ހަމަކޮށްފައެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި ސްލޮވީނިއާ އޮތްއިރު، ތިނެއްގައި އޮތް ކަޒަކިސްތާނަށް ނުވަ މެޗުން ލިިބިފައިވަނީ 18 ޕޮއިންޓެވެ. ފިންލެންޑް އޮތީ ނުވަ މެޗުން 15 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ފުލުގައި އޮތް އުތުރު އަޔާލެންޑަށް ނުވަ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.

މި ގްރޫޕުގައި ހިމެނޭ އެހެން ޓީމުތަކުގެ ނަތީޖާއަށް ބަލާއިރު، ކަޒަކިސްތާނުން ވަނީ 3-1 އިން ސެން މަރީނޯ ބަލިކޮށްފައެވެ. ފިންލެންޑް އަތުން އުތުރު އަޔާލެންޑް ބަލިވީ 4-0 އިންނެވެ.
އިޓަލީގެ ރޯމްގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ޔުވެންޓަސްގެ ވިންގް، ފެޑެރީކޯ ކިއޭސާ އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ މަޓެއޯ ޑަމިއާން، ޖިއޮކޮމޯ ރަސްޕަޑޯރީ އާއި ސްޓެފަން އެލް ޝަރާވީ އެވެ. އުތުރު މެސެޑޯނިއާގެ ދެ ލަނޑުވެސް ޖެހީ ޖަނީ އަޓަނާސޯވް އެވެ.
އަންނަ އަހަރުގެ ޔޫރޯ އަށް މިހާރުވެސް ކޮލިފައިވެފައިވާ އިންގްލެންޑުން ވަނީ ރޭ އަމިއްލަ ދަނޑުގައި 2-0 އިން މޯލްޓާ ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުން ޖެހި ފުރަތަމަ ގޯލަކީ މޯލްޓާގެ އެންރީކޯ ޕެޕޭ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އިންގްލެންޑްގެ ދެވަނަ ލަނޑުޖަހައިދިނީ އެ ޓީމުގެ ކެޕްޓަން، ހެރީ ކޭން އެވެ.
ގްރޫޕް ސީ ގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އިންގްލެންޑް ކޮލިފައިވެފައިވާއިރު، އެ ޓީމަށް ހަތް މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. ދެވަނައިގައި އޮތް އިޓަލީ އާއި ތިނެއްގައި އޮތް ޔޫކްރޭނަށް ހަތް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. އިޓަލީ އަށް ކުރިލިބެނީ ފައދާ ގޯލްގެ ތަފާތުންނެވެ. މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ޔޫރޯ އަށް ކޮލިފައިވާނެ ޓީމެއް ކަށަވަރުވާނީ އިޓަލީއާ ޔޫކްރޭން ބައްދަލުކުރާ މެޗަށް ފަހު އެވެ. އެ މެޗުން އެއްވަރުކޮށްލައިގެން އިޓަލީ އަށް ކޮލިފައިވެވެން އޮތްއިރު، ޔޫކްރޭނަށް މޮޅުވުން ނޫން ގޮތެއްނެތެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން