ޔޫރޯ ކޮލިފައިންގައި ރޭ އަމިއްލަ ދަނޑުގައި ފްރާންސުން 14-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޖިބްރާލްޓާ އަތުން މޮޅުވިއިރު، ނެދަލެންޑްސްގެ ދަނޑުގައި އެ ޓީމުން ވަނީ 1-0 އިން ރިޕަބްލިކް އޮފް އަޔާލެންޑް ބަލިކޮށް، އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދާފައެވެ.

ކޮލިފައިންގެ ބީ ގްރޫޕުގެ އެއްވަނައިގައި އޮތް ފްރާންސަށް ހަތް މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. އޭގެ ހަ ޕޮއިންޓް ފަހަތުން ދެވަނައިގައި ނެދަލެންޑްސް އޮތްއިރު، ތިންވަނައިގައި އޮތް ގްރީސް އަށް ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. އަޔާލެންޑް އޮތީ އަށް މެޗުން ލިބުނު ހަ ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ފުލުގައި އޮތް ޖިބްރާލްޓާ އަށް ހަތް މެޗުން ޕޮއިންޓެއް ނުލިބެއެވެ.

އެމްސްޓެޑަމްގައި ހުންނަ ޔޯހަން ކްރައިފް އެރީނާގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވައުޓް ވެގްހޯސްޓް އެވެ. މިއީ އެ ޓީމުގެ ޑިފެންޑަރު، ސްޓެފަން ޑި ވްރާ ދިން ބޯޅަކުން ވެގްހޯސްޓް ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، މި މެޗުގައި ނެދަލެންޑްސްގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް އަޔާލެންޑްގެ ގޯލްކީޕަރު، ގެވިން ބަޒޫނޫ ވަނީ މަތަކޮށްފައެވެ. މި މެޗުން ހޯދީ މި މޮޅާއެކު ނެދަލެންޑްސް އިން ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތަށް 11 ވަނަ ފަހަރަށް ކޮލިފައިވެފައެވެ.

އަޔާލެންޑްއާ ދެކޮޅަށް ނެދަލެންޑްސް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

 

ނީސްގެ އެލިއާންޒް ރިވިއޭރާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފްރާންސުން ޖެހި 14 ލަނޑުގެ ތެރެއިން، ކޮންމެ ހާފެއްގައި ވަނީ ހަތް ލަނޑުޖަހައިފައެވެ. މި މެޗުގައި ފްރާންސުން ޖެހި ލަނޑުތަކުގެ ތެރެއިން، އެ ޓީމުގެ ކެޕްޓަން، ކިލިއަން އެމްބާޕޭ ހެޓްރިކެއް ހެދިއިރު، ކިންގްސްލީ ކޯމަން އާއި ފަހު ހާފުގައި ކުޅެން ނިކުތް އެ ޓީމުގެ ފޯވާޑް، އޮލިވިއޭ ޖިރޫ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ މާކަސް ތުރާމް، ވަރެން ޒަޔަރް-އެމެރީ، ޖޮނަތަން ކްލައުސް، އެޑްރިއެން ރަބިއޯ، އޮސްމާނޭ ޑެމްބެލޭ އަދި ޔޫސުފް ފޮފާނާ އެވެ. ފްރާންސްގެ އަނެއް ގޯލަކީ ޖިބްރާލްޓާގެ އީތަން ސަންޓޯސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. 

ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ޖިބްރާލްޓާގެ ޑިފެންޑަރު، އީތަން ސަންޓޯސް އަށް ވީއޭއާރް އިން ބެލުމަށްފަހު ސީދާ ރަތެއް ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ފްރާންސްގެ ޒުވާން މިޑްފީލްޑަރު، ޒަޔަރް-އެމެރީ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. މިއާއެކު، ޖިބްރާލްޓާ އަށް މައްސަލަތައް ކުރިމަތިވިއިރު، ފްރާންސުން މި މެޗުގައި ޖެހި 14 ލަނޑުގެ ތެރެއިން 11 ގޯލްޖެހީ އިދިކޮޅު ޓީމުގެ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދަނިކޮށެވެ.

މި މެޗުގައި ޖެހި ގޯލާއެކު ޒަޔަރް-އެމެރީ ވަނީ އެ ގައުމުގެ ތާރީޚުގައި މިދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ރޭގެ މެޗުގައި ލަނޑުޖެހިއިރު ޒަޔަރް-އެމެރީގެ އުމުރަކީ 17 އަހަރާއި 255 ދުވަހެވެ.

މީގެއިތުރުން، ރޭގެ މެޗުގައި ހެދި ހެޓްރިކާއެކު އެމްބާޕޭ ވަނީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިންގެ ލަނޑުލިސްޓުގެ ތިންވަނައިގައި ހަމަޖެހިލައިފައެވެ. އެމްބާޕޭ ވަނީ މިހާތަނަށް އެ ޓީމަށް 46 ލަނޑުޖަހައިދީފައެވެ. އޭނާ އަށް ވުރެ ލަނޑުލިސްޓުގެ ކުރީގައި އުޅެނީ ކުރީގެ ކެޕްޓަން، ތިއެރީ އޮންރީ (51) އާއި ޖިރޫ (56) އެވެ.