އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލްގައި އިންޑިއާ ހަ ވިކެޓުން ބަލިކޮށް، އޮސްޓްރޭލިއާ އިން ހަވަނަ ފަހަރަށް އެ މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

މީގެކުރީން، އޮސްޓްރޭލިއާގެ ޓީމުން ވަނީ 1987، 1999، 2003، 2007 އާއި 2015 ވަނަ އަހަރު ޗެމްޕިއަންކަން ހޯދައިފައެވެ. މިހާތަނަށް މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ވެސް އެ ޓީމުންނެވެ. އަދި ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ތަށި 2021 ވަނަ އަހަރު ވަނީ ހޯދައިފައެވެ. މިއާއެކު، އޮސްޓްރޭލިއާ އަށް ނިސްބަތްވާ ފިރިހެން އަދި އަންހެން ޓީމު ހިމެނޭ ގޮތަށް 20 ފަހަރަށް ވަނީ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

އަނެއްކޮޅުން، މިއީ މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އައިސީސީގެ ބޮޑު މުބާރާތެއްގެ ފައިނަލުގައި އިންޑިއާގެ މައްޗަށް އޮސްޓްރޭލިއާ އިން ކުރިހޯދި ދެވަނަ ފަހަރެވެ. މީގެކުރީން، އެ ޓީމުން ވަނީ ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕްގައި ވެސް އިންޑިއާ ފަހަތަށް ޖައްސާލައިފައެވެ. މީގެއިތުރުން، ޒަމާނުއްސުރެ އިންގްލެންޑާ ދެކޮޅަށް ކުޅެމުން އަންނަ އޭޝަސް ޓެސްޓް ސީރީޒް ވެސް މި އަހަރު ކާމިޔާބުކުރީ އޮސްޓްރޭލިއާ އިންނެވެ. 

މުބާރާތުގެ ލީގު ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ފައިނަލަށް އިންޑިއާ ދަތުރުކުރީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ. އޮސްޓްރޭލިއާ އިން މުބާރާތް ފެށީ ވަރަށް ދަށް ކޮށެވެ. އެގޮތުން، ލީގު ބުރުގެ ފުރަތަމަ ދެ މެޗުން ( އިންޑިއާ އާއި ދެކުނު އެފްރިކާ އަތުން ) ވަނީ ފަސޭހަކަމާއެކު ބަލިވެފައެވެ. ނަމަވެސް، އޭގެ ފަހުން ދެން ކުޅެވުނު 8 މެޗު ކާމިޔާބުކޮށް، ފައިނަލުން ޖާގަ ހޯދީ ތަފާތު މޮޅު ކުޅުމެއް ދައްކައިގެންނެވެ.

އޮސްޓްރޭލިއާގެ ޓްރޭވިސް ހެޑް ބެޓްކުރަނީ. --ފޮޓޯ: އޭޕީ

 

އިންޑިއާގެ އަހުމަދުއާބާދުގައި ހުންނަ ނަރެންދްރަ މޯދީ ސްޓޭޑިއަމްގައި ގާތްގަނޑަކަށް އެއް ލައްކައަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގެ ޓޮސް ދިމާވީ އޮސްޓްރޭލިއާ އަށެވެ. އެ ޓީމުން ގަސްދުކުރީ ހޮވަން އަރާށެވެ. އިންޑިއާ އިން ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 240 ލަނޑަށެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ 31 ބޯޅައިން 47 ލަނޑުހެދި ކެޕްޓަން، ރޯހިތު ޝަރްމާ އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ ވިރާތު ކޯލީ އާއި ކޭއެލް ރާހުލް އެވެ. ވިރާތު ކޯލީ ވަނީ 63 ބޯޅައިން 54 ލަނޑުހަދައިފައެވެ. ކޭއެލް ރާހުލް ނުބައިވީ 66 ލަނޑަށެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް އުކީ މިޗޭލް ސްޓާކް އެވެ. އޭނާ ވަނީ 10 އޯވަރުގެ ތެރޭގައި 55 ލަނޑަށް ތިން ވިކެޓްނަގައިފައެވެ. ދެން އެންމެ ރަނގަޅަށް އުކި އެ ޓީމުގެ ކެޕްޓަން، ޕެޓް ކަމިންސް އާއި ޖޯޝް ހޭޒަލްވުޑް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އަރައި، 43 އޯވަރުގެ ތެރޭގައި އޮސްޓްރޭލިއާ އިން ވަނީ ހަތަރު ވިކެޓަށް 241 ލަނޑުހަދައިފައެވެ. މި އިނިންގްސްގައި އެ ޓީމުގެ ފުރަތަމަ ތިން ވިކެޓް ގެއްލުނުއިރު، ސްކޯ ކުރެވިފައިވަނީ އެންމެ 47 ލަނޑެވެ. ނަމަވެސް، އޭރު ބެޓްކުރަމުންދިޔަ ޓްރޭވިސް ހެޑް އާއި މާނުސް ލަބުޝާނޭ ގުޅިގެން ހަތަރުވަނަ ވިކެޓަށް ހެދި 192 ލަނޑުގެ ޕާޓްނާޝިޕް ވަނީ ކަނޑައެޅިފައިވާ ޓާގެޓަށް ވާސިލްވުމުގައި ވަރަށް ބޮޑު ދައުރެއް އަދާކޮށްފައެވެ. އެގޮތުން، އެ ޓީމަށް ފައިނަލް މެޗު ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ޓްރޭވިސް ހެޑް ވަނީ 120 ބޯޅައިން 137 ލަނޑު ހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 110 ބޯޅައިން 58 ލަނޑުހެދި ލަބުޝާނޭ އެވެ. މި އިނިންގްސްގައި އިންޑިއާގެ ޖަސްޕްރީތު ބުމްރާ ދެ ވިކެޓްނެގިއެވެ.

މުބާރާތުގެ ފައިނަލް މެޗަށްފަހު  އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، ޗެމްޕިއަން ޓީމަށް ކަނޑައެޅިފައިވާ ޓްރޮފީ ހަވާލުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސެންޗަރީ ހެދި ޓްރޭވިސް ހެޑް އެވެ. އޭނާ އަށް މުބާރާތުގެ ކުރީކޮޅު އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނެވެ. މީގެއިތުރުން، ފައިނަލް މެޗުގައި މޮޅު ކުޅުމެއް ދެއްކި ލަބުޝާނޭ އަކީ މި ފަހަރުގެ މުބާރާތަށް އެންމެ ފުރަތަމަ ނެގި ސްކޮޑުގައި ނުހިމެނޭ ކުޅުންތެރިއެކެވެ. އޭނާ އަށް ފުރުޞަތު ލިބުނީ އޭޝްޓަން އެގާ އަށް އަނިޔާވުމުންނެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންޑިއާގެ ކުރީގެ ކެޕްޓަން، ވިރާތު ކޯލީ އެވެ. މި ފަހަރުގެ މުބާރާތުގައި އޭނާ ވަނީ 11 މެޗުގައި 765 ލަނޑުހަދައިފައެވެ. އެންމެ ގިނަ ވިކެޓްނެގީ އިންޑިއާގެ މުޙައްމަދު ޝާމީ އެވެ. ޝާމީ ވަނީ 24 ވިކެޓްނަގައިފައެވެ.