2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ސަރަހައްދުގައި ރޭ ފަތިހު އަމިއްލަ ދަނޑުގައި ވާދަވެރި އާޖެންޓީނާ އަތުން 1-0 އިން ބްރެޒިލް ބަލިވެއްޖެއެވެ.

މިއީ މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ޖެހިޖެހިގެން ބްރެޒިލް ބަލިވި ތިންވަނަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުގައި ކޮލަމްބިއާ އާއި އުރުގުއޭ އަތުން ވަނީ ބަލިވެފައެވެ.

މަރަކާނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަލަން ދަނޑަށްވަދެ ތިބި ސަޕޯޓަރުންނާ ބްރެޒިލްގެ ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން ބައިގަޑިއިރަށް މެޗު ފެށުން ލަސްވެގެންދިޔައެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތް ބްރެޒިލާއި އާޖެންޓީނާގެ މި ކުރިމަތިލުން ފެށުމަށްޓަކައި ގައުމީ ސަލާމް ކިޔަމުންދިޔަ ދަނޑިވަޅުގައި އެ ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހިނގި މާރާމާރީއާ ގުޅިގެން ބްރެޒިލްގެ ފުލުހުން ވަނީ އިދިކޮޅު ޓީމުގެ ސަޕޯޓަރުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފައެވެ. މިއާއެކު، ހަމަނުޖެހުން ބޮޑުވެ، އެކަންތައް ކޮންޓްރޯލް ނުކުރެވި، މި މެޗުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވާ ވަގުތު ނުފެށި ލަސްވެގެންދިޔައެވެ.

އާޖެންޓީނާއާ ބްރެޒިލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އީއެފްއީ

 

މި މެޗަށް ނިކުތްއިރު ބްރެޒިލްގެ ކޯޗު، ފެނާންޑޯ ޑިނީޒް އަށް އެންމެ ބޮޑު ކަންބޮޑުވުމަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ މުހިއްމު ކުޅުންތެރިންތަކަކަށް ނުކުޅެވުމެވެ. އެގޮތުން، މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި؛ ނޭމާ، ވިނީޝަސް ޖޫނިއާ އާއި އެޑާ މިލިޓާއޯ ހިމެނެއެވެ.

ދެ ޓީމުގެ ފަރާތުން ޖުމްލަ 40 އަށް ވުރެ ގިނަ ފައުލް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ލަނޑުޖަހައިދިނީ އާޖެންޓީނާގެ ޑިފެންޑަރު، ނިކޮލަސް އޮޓަމެންޑީ އެވެ. މިއީ މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމުގެ މިޑްފީލްޑަރު، ޖިއޮވާނީ ލޮ ސެލްސޯ ނެގި ހުރަހެއްގެ އެހީގައި ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން އޮޓަމެންޑީ ކާމިޔާބުކުރި ގޯލެކެވެ.

އޭގެކުރީން، މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލަށް ލީޑްނަގައިދޭން ގެބްރިއެލް މާޓިނެލީ އާއި ރަފީނިއާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުމެއްނުހިފުނެވެ. މި މެޗު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް، ބްރެޒިލްގެ މިޑްފީލްޑަރު، ޖޮއެލިންޓަން އަށް ވަނީ ސީދާ ރަތެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. ޖޮއެލިންޓަން އަށް ރަތެއް ދެއްކީ ބޯޅަ ނެތީސް އާޖެންޓީނާގެ މިޑްފީލްޑަރު، ރޮޑްރިގޯ ޑެ ޕޯލް އަށް ކުރި ފައުލަކާ ގުޅިގެންނެވެ. ޖޮއެލިންޓަން ކުޅެން އެރީ މެޗުގެ 72 ވަނަ މިނެޓުގައެވެ.

ބޮލީވިއާ ކޮޅަށް ލަނޑުޖެހުމަށްފަހު އުރުގުއޭގެ ފޯވާޑް، ޑާވިން ނޫނޭޒް (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: އީއެފްއީ

 

މި ނަތީޖާއާއެކު ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިން ބުރުގެ އެއްވަނައިގައި އަދިވެސް އުޅެނީ އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އުރުގުއޭ އޮތްއިރު، ތިނެއްގައި އޮތް ކޮލަމްބިއާ އަށް ހަ މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ހަތަރުވަނައިގައި ވެނެޒުއޭލާ އޮތްއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ފަސްވަނައިގައި އޮތީ އެކުއޭޑޯ އެވެ. ބްރެޒިލަށް ހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ވަނީ ހަވަނަ އަށް ވެއްޓިފައެވެ.

ކޮލިފައިންގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އުރުގުއޭގެ ދަނޑުގައި އެ ޓީމުން ވަނީ 3-0 އިން ބޮލީވިއާ ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުގެ ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ލިވަޕޫލަށް ކުޅެމުން އަންނަ ފޯވާޑް، ޑާވިން ނޫނޭޒް އެވެ. އުރުގުއޭގެ އަނެއް ގޯލަކީ ބޮލީވިއާގެ ގެބްރިއަލް ވިޔަމިލް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ޕެރަގުއޭގެ ދަނޑުގައި އެ ޓީމު އަތުން 0-1 އިން ކޮލަމްބިއާ މޮޅުވިއިރު، އަމިއްލަ ދަނޑުގައި އެކުއޭޑޯ އިން ވަނީ 1-0 އިން ޗިލީ ބަލިކޮށްފައެވެ. ޕެރޫގެ ދަނޑުގައި ވެނެޒުއޭލާއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.