މިހާރު ކުރިއަށްދާ ބޮޓްސްވާނާ އިންޓަނޭޝަނަލް 2023 ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤު (ނަބާ) ޖާގަ ހޯދިއިރު، ޑަބަލްސް އެކި އިވެންޓްތަކުގައި ރާއްޖޭގެ ފަސް ޕެއާއެއް ކުއާޓާގައި ވާދަކުރާނެ އެވެ.

އަންހެން ސިންގަލްސްގެ ގަދަ 16 ގެ ބުރުގައި ނަބާ ވަނީ މޮރިޝަސްގެ ވިލީނާ އަޕިއާ އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ނަބާ ކާމިޔާބުކުރީ، 21-14، 21-16 އިންނެވެ. ކުއާޓާގައި ނަބާ ކުޅޭނީ ޔޫއޭއީގެ މަދޫމިތާ ސުންދަރަޕަންދިއަންއާ އެވެ.

އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤު (ނަބީ) ވަނީ ގަދަ 16 ގެ ބުރުގައި އެއްވަނަ އަށް ސީޑްކޮށްފައިވާ ދެކުނު އެފްރިކާގެ ޖޮހާނިޓާ ޝޮލްޓްޒް އަތުން ސީދާ ދެ ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ޖޮހާނިޓާ ޝޮލްޓްޒް ގެންދިޔައީ، 21-13، 21-7 އިންނެވެ.

ފިރިހެން ސިންގަލްސް ގަދަ 16 ކުޅުންތެރިން ވާދަކުރި ބުރުގައި ހުސެއިން ޒަޔާން ޝަހީދު ޒަކީ ވަނީ މޮރިޝަސްގެ ކެމްޓިޝް ރާއީ ނުންޑާ އަތުން ސީދާ ދެ ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ކެމްޓިޝް ރާއީ ގެންދިޔައީ، 21-10، 21-18 އިންނެވެ.

ފިރިހެން ސިންގަލްސް ގަދަ 16 ގެ އިވެންޓްގައި ދެން ވާދަކުރި ރާއްޖޭގެ ނިބާލް އަހުމަދު އަށް ވެސް ކުރިމަތިވީ ނާކާމިޔާބީ އެވެ. ނިބާލް އަތުން ހަތްވަނަ އަށް ސީޑްކޮށްފައިވާ އިނގިރޭސި ކުޅުންތެރިޔާ، ނަދީމް ދާލްވީ މޮޅުވީ 21-9، 21-13 އިންނެވެ.

މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓަށް ބަލާއިރު، ގަދަ 16 ގެ ބުރުގައި ބޮޓްސްވާނާގެ ޓްރިނިޓީ ޕޭކޯ އާއި އަމާންޓްލޭ މޮކްގޯތުލޭގެ ޕެއާ އަތުން ރާއްޖޭގެ ނިބާލް އާއި ނަބީގެ ޕެއާ މޮޅުވީ، 21-7، 21-12 އިންނެވެ.

މި އިވެންޓްގައި ދެން ވާދަކުރި ރާއްޖޭގެ ޒަޔާން އާއި ނަބާގެ ޕެއާ ވަނީ 21-10، 21-9 އިން ބޮޓްސްވާނާގެ ބަޓްޝޯ ގަކިޝީ އާއި ޝޮލޯފެެލޯ ވިލީ ބަލިކޮށްފައެވެ.

އަންހެން ޑަބަލްސް އިވެންޓަށް ބަލާއިރު، ނަބާ އާއި ނަބީގެ ޕެއާ ވަނީ ގުރު ނެގިއިރު ވެސް ކުއާޓާ އިން ފުރުޞަތު ލިބިފައެވެ. ކުއާޓާގައި މި ދެ ކުޅުންތެރިންގެ ޕެއަ ނިކުންނާނީ ބޮޓްސްވާނާގެ އަމާންޓްލޭ މޮކްގޯތުލޭ އާއި މިޝޭލް އަޓާ ކެލަޕެޕޭލޯއާ ދެކޮޅަށެވެ.

ފިރިހެން ޑަބަލްސް އިވެންޓްގައި ރާއްޖޭގެ ދެޕެއާ އަށް ވަނީ ގުރު ނެގިއިރު ކުއާޓާ އިން ފުރުޞަތު ލިބިފައެވެ. ކުއާޓާގައި ރާއްޖޭގެ މުޙައްމަދު އަޖުފާން ރަޝީދު އާއި ނިބާލްގެ ޕެއާ ބައްދަލުކުރާނީ މޮރީޝަސްގެ މެލްވިން އަޕިއާ އާއި ތޭޖްރާޖް ޕުލްޓޫއާ އެވެ. ޒަޔާން އާއި ނަޝްފާން މުޙައްމަދުގެ ޕެއާ ނިކުންނާނީ މޮރިޝަސްގެ މުޙައްމަދު ރަޔަަން ޝަނަވަޒް ރެޒާ އެމާމްދުއްލީ އާއި އައިޑަން ޔޫ ކިއަޓް ސިއޯ ޔިން ޔަންގް އާ  ދެކޮޅަށެވެ.