މިހާރު ކުރިއަށްދާ އޭއެފްސީ ކަޕްގައި ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރަށުން ބޭރުގައި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން 2-1 އިން ބަލިވެ، ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެ މުބާރާތުގެ އިންޓަ-ޒޯން ސެމީ ފައިނަލަށް ނުގޮސް ކަޓައިފިއެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި މާޒިޔާ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ހަތަރުވަނަ ފަހަރެވެ. އެ ޓީމު މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ، މިދިޔަ ސެޕްޓެންބަރު މަހު މާލޭގައި ބަޝުންދަރާއާ ދެކޮޅަށް ކުޅުނު މެޗުން 3-1 އިންނެވެ.

މި ނަތީޖާއާއެކު ގްރޫޕް ޑީ ގެ އެއްވަނައިގައި އުޅެނީ ބަޝުންދަރާ އެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ދެވަނައިގައި އޮތް އިންޑިއާގެ އޮޑިޝާ އެފްސީ އަށް ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، އިންޑިއާގެ މޯހަން ބަގާން ސުޕަ ޖަޔަންޓް އޮތީ ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތިންވަނައިގައެވެ. އެންމެ ފުލުގައި އޮތް މާޒިޔާ އަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ބަޝުންދަރާ ކިންގްސް އެރީނާގައި މިއަދު ކުޅުނު މެޗު ފެށިގެން 10 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ މާޒިޔާ އިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރޭގަން އޮބެންގް އެވެ.

މާޒިޔާއާ ބަޝުންދަރާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ބަޝުންދަރާ ކިންގްސް

އޭގެފަހުން، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް މާޒިޔާ އިން ގޯލެއް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ފޯވާޑް، ވޮޖިސްލާވް ބަލަބަނޮވިޗް އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލިއިރު އޮފްސައިޑް މަގާމެއްގައި ހުރުމުން އެ ލަނޑު ގަބޫލެއްނުކުރިއެވެ. 

އަދި އޭގެފަހުން، ބަޝުންދަރާ އަށް އެއްވަރުކޮށްދޭން މި ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ބިޝްވަނާތު ގޯޝްގެ ހުރަހަކުން ސާދުއްދީން ބޮލުން ފޮނުވާލި ބޯޅަ މާޒިޔާގެ ގޯލްކީޕަރު، ހުސެއިން ޝަރީފް މަތަކުރިއެވެ. އަދި، ރީބައުންސްގައި އެ ބޯޅަ ދެވަނަ ފަހަރަށް އެ ޓީމުގެ އެމްފޮން އުޑޯ އަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވިއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ބަޝުންދަރާ އަށް އެއްވަރުކޮށްދޭން ލިބުުނު ފުރުޞަތުގައި އެ ޓީމުގެ ޑިފެންޑަރު، ތާރިޤް ކާޒީ ދިން ބޯޅައަކުން އުޑޯ ފޮނުވާލި ހަމަލާ ވެސް މާޒިޔާގެ ކީޕަރު، ހުސެއިން މަތަކުރިއެވެ. އޭގެފަހުން، އުޑޯ ތަނަވަސްކުރި ދެ ފުރުޞަތެއްގައި ގޯޝް ފޮނުވާލި ހަމަލާއަކާއި، ފަހު ހާފުގައި ކުޅެން ނިކުތް ޝައިޙް މުރްސަލީން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ހުސެއިން އެވެ.

މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް، ބަޝުންދަރާ އަށް އެއްވަރުކޮށްދިނީ މޮރްސަލީން ނެގި ކޯނަރެއްގެ އެހީގައި ބޮބުރްބެކް ޔުލްޑަޝޯވް އެވެ. އޭނާ މި ލަނޑުޖެހީ ބޮލުންނެވެ.

މާޒިޔާ ކޮޅަށް ލަނޑުޖެހުމަށްފަހު ބަޝުންދަރާގެ ކުޅުންތެރިންނާއެކު އެ ޓީމުގެ ކޯޗު، އޮސްކާ ބްރުޒޮން (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ބަޝުންދަރާ ކިންގްސް

ބަޝުންދަރާ މޮޅުވި ލަނޑު، 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިގުއެލް ފެރެއިރާ އެވެ. މިއީ އެ ޓީމުގެ ފޯވާޑް، ޑޮރިއެލްޓަން (ޑޮރީ) އާއެކު ވަން-ޓޫ އެއް ހެދުމަށްފަހު ފެރެއިރާ ކާމިޔާބުކުރި ރީތި ގޯލެކެވެ.

ގްރޫޕް ޑީ ގައި މިއަދު ކުޅުނު އަނެއް މެޗުގައި އިންޑިއާގެ ދެ ޓީމުގެ ކުރިމަތިލުމުގައި އޮޑިޝާ އިން ވަނީ ފަހަތުންއަރައި 5-2 އިން މޯހަން ބަގާން ބަލިކޮށްފައެވެ.

މި މުބާރާތުގައި މާޒިޔާ ދެން ކުޅޭ މެޗުގައި އަންނަ މަހުގެ 11 ވަނަ ދުވަހު މާލޭގައި ނިކުންނާނީ މޯހަން ބަގާންއާ ދެކޮޅަށެވެ. ހަމަ އެ ދުވަހު ރަށުން ބޭރުގައި ބަޝުންދަރާ ބައްދަލުކުރާނީ އޮޑިޝާ އާ އެވެ.