ކ. އަތޮޅު ކައުންސިިލްގެ އިދާރާ އިން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި ކާފް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން މާފުށިން ހޯދައިފިއެވެ.

މާފުށިން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މުބާރާތް ބޭއްވީ ކ. ތުލުސްދޫއާ ވާދަކޮށް، ފަސް ސެޓު ކުޅެގެން، 3-2 އިން ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވުމަށް ކުޅިވަރާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވިއިރު، މިހާރުގެ ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލް ވެސް ފައިނަލް މެޗު ބައްލަވާލެއްވުމަށް ތުލުސްދޫ އަށް ވަޑައިގެންނެވިއެވެ. މީގެއިތުރުން، ކ. އަތޮޅުގެ ކައުންސިލްގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވެ.

ތުލުސްދޫއާ މާފުށި ބައްދަލުކުރި ފައިނަލް މެޗުގެ ތެރެއިން. --ފޮޓޯ: ކ. އަތޮޅު ކައުންސިލްގެ އިދާރާ

ތުލުސްދޫ ވޮލީ ކޯޓުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާއެކު މާފުށީ އަންހެނުންގެ ވޮލީ ޓީމު ކާމިޔާބުކުރީ 25-15 އިންނެވެ. 

ނަމަވެސް، ފުރަތަމަ ސެޓާ ހިލާފަށް ދެވަނަ ސެޓުގެ ވަކި ހިސާބަކުން ތުލުސްދޫ އަންހެނުންގެ ވޮލީ ޓީމުން ބޮޑު ލީޑެއްނެގިއެވެ. އެގޮތުން، ތުލުސްދޫ ޓީމުން 24-16 އިން ލީޑްކުރަމުންދަނިކޮށް، މާފުށިން ވަނީ 25-25 އިން އެއްވަރުކޮށްފައެވެ. އެއަށްފަހު، މި ސެޓު ނިމިގެންދިޔައީ ތުލުސްދޫ އިން 26-25 އިން ކުރީގަ އޮވެގެންނެވެ.

ތިންވަނަ ސެޓުގެ ފުރަތަމަ ޕޮއިންޓް ތުލުސްދޫން ހޯދި ނަމަވެސް، އޭގެފަހުން މާފުށިން ވަނީ އެ ޓީމަށް އިތުރު ފުރުޞަތެއްނުދީ ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ބޮޑުކޮށް، 25-15 އިން ކާމިޔާބުކޮށްފައެވެ.

ތުލުސްދޫއާ މާފުށި ބައްދަލުކުރި ފައިނަލް މެޗުގެ ތެރެއިން. --ފޮޓޯ: ކ. އަތޮޅު ކައުންސިލްގެ އިދާރާ

އެއަށްފަހު ދެން ކުޅެވުނު ސެޓުގެ ކުރީކޮޅު ތުލުސްދޫ އިން ނެގި ލީޑް ދަމަހައްޓަމުން ގޮސް، ފަސޭހަކަމާއެކު 25-13 އިން ކާމިޔާބުކޮށް، ނަތީޖާ 2-2 އިން ހަމަހަމަކުރިއެވެ.

މެޗުގެ ނަތީޖާ ނެރުމަށް ކުޅެވުނު ފަސްވަނަ ސެޓު ފޯރިގަދަކޮށް ފެނިގެންދިޔައިރު، ތުލުސްދޫ އިން 14-11 އިން ލީޑްކުރަމުންދަނިކޮށް އޭގެފަހުން ޖެހިޖެހިގެން ހޯދީ ފަސް ޕޮއިންޓާއެކު މާފުށިން ވަނީ ނަތީޖާ އަނބުރާލައި،16-14 އިން މި ސެޓު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދައިފައެވެ.

މި ފަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗުވަނީ ވިއްސާރައިގެ ސަބަބުން ފަސްކޮށްފައެވެ. ފިރިހެން ފައިނަލްގައި ވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މާފުށްޓާއު ތުލުސްދޫ އެވެ.