ފްރެންޗް ލީގުގައި މިރޭ ރަށުން ބޭރުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ޕީއެސްޖީން 2-0 އިން ލެ ހަވްރޭ ބަލިކޮށް، ތާވަލްގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ އެއްވަނައިގައި އޮތީ 14 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ނީސް އަށް 14 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ތިންވަނައިގައި އޭއެސް މޮނާކޯ އޮތްއިރު، ހަތަރެއްގައި އޮތް ލިއްލެ އަށް 14 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ.

ލެ ހަވްރޭގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި ޕީއެސްޖީގެ ގޯލްކީޕަރު، ޖިއަންލުއިޖީ ޑޮންނަރުއްމާ އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ޑޮންނަރުއްމާ އަށް ރަތް ކާޑު ދެއްކީ، ލެ ހަވްރޭގެ ފޯވާޑް، ޖޯސޫ ކަސިމީރް އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑްނަގައިދިނީ އެ ޓީމުގެ ކެޕްޓަން، ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ފްރާންސް ވިންގް، އޮސްމާނޭ ޑެމްބެލޭ ދިން ބޯޅައަކުން އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރުގެ ލީގުގައި އެމްބާޕޭ ޖެހި 15 ވަނަ ލަނޑެވެ. މި ހާފު ނިމުނީ 1-0 އިން ޕީއެސްޖީ ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގައި ޕީއެސްޖީގެ ގޯލް ބަލަހައްޓަމުންދިޔަ ބަދަލު ކީޕަރު، އާނައު ޓެނާސް ވަނީ ލެ ހަވްރޭގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވައިފައެވެ. 

މި މެޗުގައި ޕީއެސްޖީން ޖެހި ދެވަނަ ލަނޑު، 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕޯޒުގީޒް މިޑްފީލްޑަރު، ވިޓީނިއާ އެވެ. މިއީ އެ ޓީމުގެ މެނުއަލް އުގާޓޭ ދިން ބޯޅައަކުން ވިޓީނިއާ ކާމިޔާބުކުރި ގޯލެކެވެ. މި ބޯޅް ގޯލްގެ ތެރެއަށް ވަނީ ލެ ހަވްރޭގެ ކުޅުންތެރިއަކު ގައިގަ ޖެހިފައެވެ.

ލީގުގައި ޕީއެސްޖީ އަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ނޯންޓްސްއާ ބައްދަލުކުރާ މެޗެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ އެރޭ ރާއްޖޭގަޑިން 1:00 ގައެވެ.