މިހާރު ކުރިއަށްދާ އެމްޕީއެލް އެފްއޭއެމް ދެވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އެލްޓީ ސްޕޯޓްސް ކުލަބް އަތުން 0-4 އިން މަސްއޮޑި ސްޕޯޓްސް ކުލަބުން މޮޅުވެއްޖެއެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި މަސްއޮޑި ކުޅުނު ދެވަނަ މެޗެވެ. މި ދެ މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. މިއާއެކު، ފަސް ޓީމު ހިމެނޭ ގްރޫޕް އޭ ގެ އެއްވަނައިގައި މަސްއޮޑި އޮތީ ދެ މެޗުން ހޯދީ ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ކުޑަ ހެންވޭރު ވަނީ ޖޭޖޭ ސްޕޯޓްސް ކުލަބް ބަލިކޮށް ތިން ޕޮއިންޓް ހަމަކޮށްފައެވެ. މި ގްރޫޕުގައި ދެން ހިމެނޭ ތިން ޓީމު ކަމަށްވާ؛ މަހިބަދޫ ސްޕޯޓްސް ކްލަބާއި، އެލްޓީ އަދި ޖޭޖޭ އަށް ޕޮއިންޓެއް ނުލިބެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި މަސްއޮޑިން ލީޑްނެގީ 16 ވަނަ މިނެޓުގައި އައްޒާމް އަބްދުﷲ (އެޑޫ) ކާމިޔާބުކުރި ގޯލުންނެވެ. 

މި މެޗުގެ 31 ވަނަ މިނެޓުގައި މަސްއޮޑިގެ ބިދޭސީ ކުޅުންތެރިޔާ، އޮޑިލީ ފީލިކްސް ވައްދާލި ލަނޑާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ.

މެޗު ނިމެން ދަނިކޮށް، މަސްއޮޑިގެ ތިންވަނަ ލަނޑުޖަހައިދިނީ އިބްރާހިމް އާޒިމް އެވެ. އަދި އޭގެފަހުން، އިތުރުވަގުތުގައި މަސްއޮޑިގެ ފަހު ލަނޑުޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ޖަހަނޯވް ސަރްދަރޯވް އެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބީޖީ ސްޕޯޓްސް ކުލަބް ނިކުންނާނީ ކުލަބް ޓީނޭޖްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން 15:50 ގައެވެ.