ސްޕެނިޝް ކަޕް (ކޮޕާ ޑެލް ރޭ) ގެ 32 ޓީމު ވާދަކުރާ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑުން އަނެއް ބުރަށް ދަތުރުކުރިއިރު، ރެއާލް ބެޓިސް ކަޓައިފިއެވެ.

ރެއާލް ވަނީ ރަށުން ބޭރުގައި ސްޕެއިނުގެ ހަތަރުވަނަ ޑިވިޝަނުގެ އަރަންޑީނާ ސީއެފް އަތުން 3-1 އިން މޮޅުވެފައެވެ. އެތުލެޓިކޯ ވަނީ 3-1 އިން ސްޕެއިނުގެ ތިންވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ލޫގޯ ބަލިކޮށްފައެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ރެއާލްއާ ދެކޮޅަށް އަރަންޑީނާ އިން ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައި އެ ޓީމުން ލަނޑެއްޖެހިޔަނުދީ ހިފެހެއްޓިއެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ރެއާލުން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުން ހޮސެލޫ އެވެ. މިއީ އެ ޓީމުގެ ބްރާހިމް ޑިއާޒް އަށް ޕެނަލްޓީއޭރިޔާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެ މިނެޓެއްގެ ތެރޭގައި ރެއާލްގެ ލީޑް ފުޅާކޮށްދިނީ ޑިއާޒް އެވެ.

ކާލޯ އަންޗެލޮޓީގެ ރެއާލަށް މިވަގުތު އަނިޔާގެ ގިނަ މައްސަލަތަކަށް ކުރިމަތިވެފައިވާއިރު، ރޭގެ މެޗުގައި އަނިޔާއަށްފަހު ކުޅުމަށް އެނބުރިއައި ތުރުކީގެ ޒުވާން ކުޅުންތެރިޔާ، އާރްދާ ގުލާ ފެނިގެންގޮސްފައިވެއެވެ.

ރެއާލްގެ ފަހު ލަނޑު، އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮޑްރީގޯ އެވެ. އަދި އޭގެ ދެ މިނެޓުފަހުން، އަރަންޑީނާ އިން ސުން ކަނޑުވާލީ ރެއާލްގެ ޑިފެންޑަރު، ނަޗޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަތް ގޯލުންނެވެ.

މި މުބާރާތުގައި ރޭ އެތުލެޓިކޯ ކުޅުނު މެޗުގެ ކުރީކޮޅު އެންހެލް ކޮރެއާގެ ލަނޑުން ލީޑްނެގިއެވެ. ފުރަތަމަ ހާފު ނިމުމުގެކުރީން ލޫގޯ އިން އެއްވަރުކުރީ ލެއަންޑްރޯ އެންޓޮނެޓީގެ ގޯލުންނެވެ. ފަހު ހާފުގައި އެތުލެޓިކޯ އިން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ނެދަލެންޑްސްގެ ފޯވާޑް، މެމްފިސް ޑިޕާއީ އެވެ.

ބެޓިސް އަތުން ޑިޕޯޓިވޯ އަލަވެސް މޮޅުވީ 0-1 އިންނެވެ. މި މެޗުގައި އަލަވެސްގެ ހަމައެކަނި ލަނޑުޖަހައިދިނީ އުރުގުއޭގެ އެކި އުމުރުފުރާގެ ގައުމީ ޓީމުތަކަށް ކުޅެފައިވާ މިޑްފީލްޑަރު، ކާލޮސް ބެނާވިޑޭޒް އެވެ.