މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލްގައި ކްލަބް ވެމްކޯއާ ޕޮލިސް ކްލަބު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ އެވެ.

މުބާރާތުގެ ފައިނަލުން ޕޮލިސް ކުލަބުން ޖާގަ ހޯދީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށްގެންނެވެ. ޕޮލިހުން މި މެޗު ކާމިޔާބުކުރީ ފަހަތުންއަރައި 3-1 ސެޓުންނެވެ.

ޒުވާނުން މަރުކަޒު އެތެރެ ކޯޓުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ކާމިޔާބުކުރީ 25-23 އިންނެވެ. އެއަށްފަހު، މި މެޗުގައި ދެން ކުޅެވުނު ތިން ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-19، 25-20، އަދި 25-17 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ ބިދޭސީ ކުޅުންތެރިޔާ، އަމްޕޯން ހިޔާފާ އެވެ.

ސެމީގެ އަނެއް މެޗުގައި ވެމްކޯ އިން ވަނީ 3-2 ސެޓުން އަލްމާ ސްޕޯޓްސް ކުލަބް ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު 25-17، 25-22 އިން ވެމްކޯ ގެންގޮސްފައިވަނިކޮށް، އަލްމާ އިން ވަނީ ދެންޖެހިގެންއައި ދެ ސެޓު 25-13، 25-13 އިން ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. ނަތީޖާ ނެރުމަށް ކުޅެވުނު ފަސްވަނަ ސެޓުން 15-11 އިން ވެމްކޯ ކާމިޔާބުކޮށް ތިންވަނަ ސެމީން ޖާގަ ހޯދިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ، ކައިޝާ ރަކޯލް ހަންޓް އެވެ.

ރޭ ކުޅުނު ތިންވަނަ ސެމީގައި ވެމްކޯ އިން ވަނީ ސީދާ ތިން ސެޓުން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ވެމްކޯ އިން ކާމިޔާބުކުރީ 25-23، 25-17، އަދި 26-24 އިންނެވެ. މި މެޗުގައި ވެމްކޯ މޮޅުކޮށްދިނުމުގައި އިސްދައުރެއް އަދާކުރީ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރި އައިޝަތު މާޖިދާ އެވެ.

މިފަހަރުގެ މުބާރާތުގެ ތިންވަނަ މަގާމަށް ހޮވުނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އެވެ.