އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި މެޗުގެ ދެވަނަ ހާފުގައި ދެއްކި މޮޅު ކުޅުމާއެކު ބޯންމައުތު އަތުން 0-4 އިން މޮޅުވެ، ލިވަޕޫލުން ތާވަލްގެ ކުރީގައި ފަސް ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

މި ނަތީޖާއާއެކު ލިވަޕޫލުން އެއްވަނައިގައި އޮތީ 21 މެޗުން ހޯދީ 48 ޕޮއިންޓާއެކު އެވެ. އޭގެ ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ. ފައިދާ ގޯލްގެ ތަފާތުން އާސެނަލް ތިންވަނައިގައި އޮތީ ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ހަތަރެއްގައި އެސްޓަން ވިލާ އޮތީ ވެސް ފައިދާ ގޯލްގެ ތަފާތުންނެވެ. ސިޓީގެ އިތުރުން އާސެނަލް އާއި ވިލާ އަށް ވެސް ލިބިފައިވަނީ 43 ޕޮއިންޓެވެ.

ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ލިވަޕޫލްގެ އިނގިރޭސި ފުލްބެކް، ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑްގެ އިތުރުން މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަން އާއި އޭޝިއަން ކަޕްގައި ކުޅެމުން އަންނަ މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހު އަދި ޖަޕާނުގެ މިޑްފީލްޑަރު، ވަޓަރު އެންޑޯ ނުކުޅެއެވެ. މީގެއިތުރުން، ވެސް ލިވަޕޫލްގެ މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި؛ އެންޑީ ރޮބަޓްސަން އާއި ޑޮމިނިކް ސޮބޯޒްލާއީ އަދި ޖޮއެލް މަޓިޕް ހިމެނެއެވެ.

ވައިޓާލިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބޯންމައުތުން ވަނީ ރަނގަޅު ޑިފެންސިވް ގޭމެއް ކުޅެ، ލިވަޕޫލްގެ އެޓޭކްތައް ހުއްޓުވައިފައެވެ. ނަމަވެސް، ބޯންމައުތު އަށް ލިވަޕޫލްގެ ފޯވާޑްލައިން ހުއްޓުވުނީ ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓާ ހަމައަށެވެ. ލިވަޕޫލުން ލީޑްނެގީ ފަހު ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި އުރުގުއޭގެ ފޯވާޑް، ޑާވިން ނޫނޭޒް ވައްދާލި ލަނޑުންނެވެ.

ލިވަޕޫލްއާ ބޯންމައުތު ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

އޭގެފަހުން، މެޗުގެ 70 ވަނަ މިނެޓުގައި ލިވަޕޫލްގެ ޕޯޗުގީޒް ފޯވާޑް، ޑިއޯގޯ ޔޮޓާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެ ނުވަ މިނެޓު ފަހުން، ޔޮޓާ ވަނީ އިިިިިިތުރު ގޯލެއްޖަހައި ލިވަޕޫލްގެ ލީޑް ފުޅާކޮށްދީފައެވެ.

މި މެޗުގެ އިތުރުވަގުތުގައި ލިވަޕޫލްގެ ފަހު ލަނޑުޖަހައިދިނީ ނޫނޭޒް އެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ނޫނޭޒް ޖެހި ހަތްވަނަ ލަނޑެވެ. އަދި މިއީ މުޅި ސީޒަނުގައި އޭނާ ޖެހި ދިހަ ވަނަ ގޯލެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ޝެފީލްޑް ޔުނައިޓެޑްގެ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގެ އިތުރުވަގުތުގައި ދެ ޓީމުން ކުރެން ކޮންމެ ޓީމެއްގެ ކުޅުންތެރިއަކަށް ދެއްކި ރަތް ކާޑާއެކު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ވެސްޓް ހޭމް ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

ޝެފީލްޑްގެ ބްރަމަލް ލޭންގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ވެސްޓް ހޭމުން ލީޑްނެގީ މެކްސްވެލް ކޯނޭ އެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް، ޝެފީލްޑަށް އެއްވަރުކޮށްދިނީ ބެން ބްރެރެޓަން އެވެ. މިއީ ޗިލީގެ ވިންގް، ބްރެރެޓަން އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ވެސްޓް ހޭމުން އަލުން ލީޑްނެގީ 79 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިނގިރޭސި މިޑްފީލްޑަރު، ޖޭމްސް ވޯޑް-ޕްރައުސް ވައްދާލި ލަނޑުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ފޯވާޑް، ޑެނީ އިންގްސް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތެރޭގައި ޝެފީލްޑްގެ ރިއާން ބްރޫސްޓާ އާއި ވެސްޓް ހޭމްގެ ވްލަޑިމިއާ ސޯފާލް އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން ދެ ޓީމުން ވެސް މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. މި ނަތީޖާގައި އޮވެ، މެޗު ނިމެންދަނިކޮށް ޝެފީލްޑަަށް އަލުން ނަތީޖާ ހަމަހަމަކޮށްދިނީ އޮލިވާ މެކްބާނީ އެވެ. މިއީ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން މެކްބާނީ ކާމިޔާބުކޮށްދިން ގޯލެކެވެ.